މެއި 10, 2025

ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުކުރަން ނިންމާނީ ދިރާސާކޮށްފައި 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމާމެދު ގޮތެއް ނިންމާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އެ ފަނޑިޔާރަށް ތުހުމަތުކޮށް ބެލި މައްސަލައިގެ ތަހުގީގު ރިޕޯޓް ދިރާސާ ކުރުމަށްފަހުކަމަށް ކޮމިޓީން ނިންމައިފި އެވެ.

ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކުރުމަށްއެދި، ޖޭއެސްސީން އިއްޔެވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ޖުޑިޝަރީ ކޮމިޓީން ފަށައިފި އެވެ.

އެ ދެބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ކޮމިޓީން ނިިންމާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދާ މެދު ކުރިމިނަލް ކޯޓުން ނެރުނު އަމުރަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.

ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ، މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައެވެ. ފަނޑިޔާރު ކަމުން ސަސްޕެންޑް ކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވީ އިއްޔެ އެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފަހު، ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައި ވާއިރު ކޮމިޓީ މަރުހަލާ ވެސް މިއަދު ވަނީ ފަށައިފަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ހުށަހެޅުއްވީ ކޮމިޓީގެ މެންބަރުން ރިޕޯޓް ދިރާސާކުރުމަށް ފަހު، އެއްވެސް ފަރާތެއް ހާޒިރުކުރަން ޖެހޭ ނަމަ އެކަން ކުރުމަށެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވީ ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މެންބަރުންނާ އެކު ރިޕޯޓް ދިރާސާ ކުރުމަށެވެ.

މީގެ ތެރެއިން ފުރަތަމަ ވޯޓަށް އެހީ މެންބަރު އަޝްރަފުގެ ހުށަހެޅުމަށެވެ. އެ ހުށަހެޅުން ބަލައިގަންނަން ކޮމިޓީގެ 8 މެންބަރުންގެ ތެރެއިން ހަ މެންބަރަކު ވޯޓު ދެއްވި އެވެ. ވޯޓު ނުދެއްވީ އިދިކޮޅު އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ. އަޝްރަފްގެ ހުށަހެޅުން ފާސްވެފައިވާތީ، ނާޒިލްގެ ހުށަހެޅުމަށް ވޯޓަށް ނާހަ އެވެ.

ކޮމިޓީން އެގޮތަށް ފާސްކުރިއިރު އަޒްމިރަލްދާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައި ވަނީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

އަޒްމިރަލްދާގެ އެ ސިޓީގައި ވަނީ ޖޭއެސްސީގެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް އާއިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.