މެއި 10, 2025

ސަން ޓްރެވަލްސް އަތުން މިނާވަރު އަތުލީ އެއްބަސްވުމާ ހިލާފުވުމުން

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމުގެ އަދި ސް ޓްރެވަލް ކުންފުންޏަށް ދީފައިވާ ދ. މިނާވަރު އެ ކުންފުނި އަތުން ނެގުމަށް ނިންމީ އެއްބަސްވުމާ ހިލާފުވުމުން ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

ސަން ޓްރެވަލްސް ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައި އޮންނަ މިނާވަރުގެ އެއްބަސްވުން ބާތިލް ކުރުމުގެ ނޯޓިސް މިއަދު ވަނީ ފޮނުވައިފަ އެވެ.

ސިޔާމުގެ ކުންފުންޏަށް ދީފައިވާ މިނާވަރު 2021 ގައި ސަރުކާރުގެ ބޭނުމަކަށް ނަގަން ނިންމައި އެ ރަށުގެ އިވެލުއޭޝަން އޮޑިޓެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކުރި އެވެ. އެކަމަކު، އޭގެ ފަހުން ވެސް މިނާވަރު ބޭނުން ކުރަމުން އަންނަނީ ސިޔާމް ވޯލްޑާއި ސަން ސިޔާމް އިރުފުށްޓަށް ބޭނުންވާ ދަނޑުވެރިކަމުގެ ތަކެތި އުފެއްދުމަށެވެ.

އެކަމާ ގުޅިގެން އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އެގްރިކަލްޗާ މިނިސްޓްރީން ބުނީ ސިޔާމްގެ ކުންފުންޏަށް އެރަަށް ދީފައިވަނީ ތިން ވައްތަރެއްގެ ވިޔަފާރިއެއް ކުރާ ގޮތަށް ޝަރުތު ކުރުމަށްފަހު ކަމަށެވެ. އެއީ ދަނޑުވެރިކަން، ޕްރޮސެސިން އަދި ވެލިއު އެޑިޝަން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތައް މޮނީޓާ ކުރުމުގެ މަސައްކަތް މިދިޔަ އަހަރު އެގްރިކަލްޗާ މިނިސްޓްރީން ކުރިއިރު މިނާވަރު ވެސް މޮނިޓާ ކޮށްފައިވާނެ ކަމަށެވެ.

މިނާވަރުގައި ކުރާ މަސައްކަތްތަކުގެ އެސެސްމަންޓެއް އެ މިނިސްޓްރީން މި އަހަރު ވެސް ހެދި ކަމަށާއި އެ އެސެސްމަންޓުން ފާހަގަވީ އެ ރަށުގެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރަމުން ނުދާކަން ކަމަށް މިނިސްޓްރީން ބުންޏެވެ.

”އެއްބަސް ވުމާ އެއްގޮތަށް އަމަލު ނުކުރަންޏާ ރަށް އަތުލުމުގެ ބާރު އޮވޭ. އޭގައި ނޯވޭ ބަދަލު ދޭން ޖެހޭނެ ކަމަކަށް ވެސް،“ މިނިސްޓްރީން ބުންޏެވެ.

އެހެންވެ ރަށް ހުސްކުރަން ދިނީ އެއްބަސްވުމުގައިވާ ގޮތުން ދެވޭނެ އެންމެ ދިގު މުއްދަތު ކަމަށްވާ 14 ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.