މެއި 18, 2025

ވޭޕް އެތެރެކުރުމުން ކުރާ ޖޫރިމަނާގެ ފައިސާ ހޯދޭނެ ކަމެއް ބުއްދި ގަބޫލެއް ނުކުރޭ: ކަސްޓަމް

ވޭޕް އެތެރެ ކުރި މައްސަލަތަކުގައި ވަކިވަކި ފަރުދުންގެ މައްޗަށް އައިސްފައިވާ ޖޫރިމަނާގެ އަދަދު 40 މިލިއަން ރުފިޔާ އިން މަތި ކަމަށާއި އެ މީހުންގެ އަތުން އެހާ ގިނަ އަދަދެއްގެ ފައިސާ ޖޫރިމަނާގެ ގޮތުގައި ލިބިދާނެ ކަމަށް ބުއްދި ގަބޫލު ނުކުރާ ކަމަށް ކަސްޓަމުން ބުނެފި އެވެ.

ކޮމިޓީއަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވީ، ގާނޫނުތައް ހަދާއިރު އެއީ ތަންފީޒު ކުރާން ފަސޭހަ ގާނޫނު ތަކަކަށްވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންވެ އޭނާ ވަނީ ދުންފަތް ކޮންޓްރޯލް ކުރުުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލަށް ގެންނަަން ޖެހޭ ބައެއް އިސްލާހުތައް ހިއްސާކުރައްވައިފަ އެވެ.

ވޭޕް މަނާކުރުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން، ވަކި ވަކި ފަރުދުންގެ މައްޗަށް ބޮޑެތި ޖޫރިމަނާތަކެއް އަންނަ ކަމަށް ސިމާހު ވިދާޅުވި އެވެ.

”ގާނޫނުގައި މިހާރު އޮންނަނީ ވޭޕް އެތެރެކޮށްފިއްޔާ 50،000 ރުފިޔާގެ ޖޫރިމަނާއެއް، އެއަށް ފަހު ފެންނަ އިތުރު ކޮންމެ އާލާތަކަށް 10،000 ރުފިޔާ އިތުރުވާގޮތަށް“ އޭނާ ވިދާޅުވި އެވެ.

އޭގެ ދެ ކޭސްއެއްގައި އެކަކު 48 މިލިއަން ރުފިޔާއިން އަދި އަނެކަކު 40 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާޖަން ސިމާހު ފާހަގަ ކުރެއްވި އެވެ.

”މި ވަގުތު ފާހަގަކުރެވިފައި ހުރި ކޭސްތަކުގައި އެބަހުރި އިންޑިވިޖުއަލް، އަމިއްލަ ފަރުދުން 48 މިލިއަނުން، 40 މިލިއަނުން ޖޫރިމަނާ ކުރެވިފައި، މި [ޖޫރިމަނާ] ކުރަންޖެހޭ ގާނޫނާ އެއްގޮތަށް. އެހެން ނަމަވެސް އެ ފައިސާ ހޯދުމަކީ އަޅުގަނޑުމެންގެ ބުއްދި ގަބޫލު ނުކުރޭ އަމިއްލަ ފަރުދެއް ބޭރުން އަންނައިރު މި ގެންނަ ޕެކޭޖެއްގެ ތެރެއިން މި ހުންނަނީ އެ ފްލޭވާ، އާލަތްތައް އެއްކުރީމަ ކޮންމެ އެއްޗެއް ވަކިން 10،000 ރުފިޔާ. އިން ޖޫރިމަނާ ކުރާ ގޮތަށް،“ ސިމާހު ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރެއްވީ ގާނޫނު އެއޮތްގޮތަށް ކަސްޓަމްސް އަށް ތަންފީޒު ނުކުރެވޭނެތީ ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް އެކަން ތަންފީޒު ކުރެވޭނެ، އެއީއެއް ނޫން މައްސަލައަކީ، އެގޮތަށް ގާނޫނުގައި ކަނޑައަޅާއިރު، އަމިއްލަ ފަރުދަކު އެވަރުގެ ޖޫރިމަނާއެއް ކޮސްގެން އެ ފައިސާ ލިބޭނެތޯ، ވިސްނާލަންޖެހޭ،،،،،“ ސިމާހު ވިދާޅުވި އެވެ.

ސީނިއާ ސުޕްރިޓެންޑެންޓު އިބްރާހިމް ފަޔާޒު ވިދާޅުވީ، ވަގަށް ސިނގިރޭޓު ފަދަ ތަކެތި އެތެރެކުރުމުގެ އަދަބަކީ މިލިއަނެއްހާ ރުފިޔާގެ ޖޫރިމަނާ ކަމަށެވެ. އެކަމަކު 120 މިލިއަން ރުފިޔާގެ ފައިދާ ނެގޭ އެއްޗަކުން މިލިއަން ރުފިޔާގެ ޖޫރިމަނާއަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ ފަދަ ހާލަތްތަކުގައި އެ ލިމިޓު އުވާލެވޭ ގޮތަށް ބަދަލު ގެނައުމަށް ފަޔާޒު އެދިވަޑައިގަތެވެ.