ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހަށް ފޮނުވި މައްސަލަ، ޖުޑިޝަރީ ކޮމިޓީގައި ކުރިއަށް ދަނިކޮށް، އެ ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އިއުލާން ކުރެއްވި ގޮތުގައި ކޮމިޓީގައި ޕީއެންސީއަށް ލިބިފައިވާ ސްލޮޓްތަކުގެ ތެރެއިން އެއް ސްލޮޓްގައި އިންނެވި މެންބަރު ވަނީ ބަދަލުކޮށްފަ އެވެ. އެއީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ކަމަށާއި އޭނާގެ ބަދަލުގައި ކޮމިޓީއަށް އަލަށް އައްޔަން ކޮށްފައިވަނީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ކަމަށް ރިޔާސަތުން ބުންޏެވެ.
އެ ބަދަލު ގެނައި ސަބަބެއް ރިޔާސަތުން ނާންގަ އެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި އިއްޔެ ބާއްވަން ނިންމި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ދެ ފަހަރަށް ތާވަލުކުރުމަށް ފަހު، އެންމެ ފަހުން ކެންސަލް ވެސް ކުރިއެވެ.
މަހާޒާއި އަޒްމިރަލްދާ އަށް ޖޭއެސްސީން ތުހުމަތުކުރަނީ އަޒްމިރަލްދާގެ އިސްމާއިލް ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވައި ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ. އެ މައްސަލަ ތަހުގީގުކުރުމަށްފަހު ޖޭއެސްސީން ވަނީ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.
ޖޭއެސްސީގެ ތަހުގީގުގައި މަހާޒްގެ ފަރާތުން ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބަށް އޭނާ ގުޅުއްވިއިރު، ވެސް އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލާފައިވާ ކަމަށާއި އެހެންވެ، ނުފޫޒު ފޯރުވަންޖެހޭ ހާލަތެއް އެ މައްސަލާގައި ނެތް ކަމަށެވެ.
ގާޒީއަށް ގުޅުއްވީ އެ މައްސަލައަކީ އިސްތިއުނާފްގެ މަރުހަލާ ތެރެއިން އެ ކޯޓާ ހަމައަށް އަތުވެދާނެ މައްސަލައަކަށް ވާތީ މައުލޫމާތު ހޯދުމުގެ ގޮތުން ކަމަށް މަހާޒް ވިދާޅުވެފައިވެ އެވެ.
ނަމަވެސް ޖޭއެސްސީގެ ތަހުގީގުގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ގާޒީއަށް، މަހާޒް ގުޅުއްވިއިރު، އަޒްމިރަލްދާގެ ފިރިކަލުން އޭރު ކޯޓުން ބަންދުން ދޫކޮށްލާފައިވާ ނޭނގޭ ކަމަށް ފަނޑިޔާރު މަހާޒް ތަހުގީގުގައި ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، ފަނޑިޔާރު މަހާޒް ގުޅުއްވީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދާ މެދު ގޮތެއް ނިންމުމުގައި ”ހާއްސަ ގޮތަކަށް ބެލުމަށް ބާރު އެޅުމުގެ ގޮތުން“ ކަމަށް ”ބެލެވޭ ކަމަށް“ ޖޭއެސްސީގެ ރިޕޯޓުގައިވެ އެވެ.
”ފަނޑިޔާރެއްގެ ފިރިމީހާގެ ބަންދާ މެދު ގޮތް ކަނޑައެޅުމަށް ހާޒިރު ކުރެވޭ ކޯޓުގެ އެހެން ފަނޑިޔާރަކަށް ވެސް އޭނާގެ ބަންދާ ގުޅޭގޮތުން މުއާސަލާތުކޮށް ގުޅުމަކީ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ހާޒިރު ކުރެވޭ ކޯޓުގެ ފަނޑިޔާރުންގެ މަސައްކަތާ ސީދާ ގޮތުން ބެހި ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެވޭ އަމަލަކަށް ނޫނީ ނުވާނެ“ އެ ރިޕޯޓުގައިވެ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައިވާ ގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުންނަކީ ފަނޑިޔާރު މަހާޒް ދަންނަ ބޭފުޅަކަށް ނުވާއިރު، އޭނާގެ ބަންދާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅަންޖެހޭ ސަބަބެއް ނެތެވެ. އެހެންވެ، އެކަންކުރީ ފަނޑިޔާރު އަޒްމިރަލްދާ އެދިގެން ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.




ގުޅުންހުރި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަނީ ދީލަތުވުމުން: ނާޒިމް
ޕީއެންސީއަށް ސޮއިކުރިތާ މަހެއް ނުވެ، މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދެނީ