ރައްޔިތުންގެ މަޖިލީހުގެ ކުރާނެ މަސައްކަތެއް ނެތުމުގެ ސަބަބުން މަޖިލިސް ޖަލްސާ ނިންމާލާތީ އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑު ކިޔުންތަކަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރައްދު ދެއްވައިފި އެވެ.
މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ބައެއް ޖަލްސާތައް މީގެ ކުރިން ނިންމާލައިފައިވެ އެވެ. އެކަމާ ގުޅިގެން މަޖިލީހުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އާންމުންގެ ފާޑު ކިޔުން އަމާޒުވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ އެ ފާޑު ކިޔުންތަކަށް ރައްދު ދެއްވައިފަ އެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތް ކުރިއަށްދާ ހަމަތަނަކީ މަޖިލީހުގެ ތަޅުމެއް ނޫން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ކުރަން އޮންނަނީ ކޮމިޓީތަކުން ކުރާ މަސައްކަތުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު މަސައްކަތެއް ކަމަށާއި މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކުރާ ތަނަކީ މަޖިލީހުގެ ކޮމިޓީތައް ކަމަށެވެ.
”މި ވާހަކަތައް މިހެން ދަންނަވާލަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާ ދޭތެރޭ ބައެއް ފަރާތްތަކުން ސުވާލު އުފައްދައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަދުނާމުވާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުން ދާތީ،“
”އެހެންވީމާ މަޖިލީހުގެ ތަޅުމުން މެންބަރުން މަދުވުމަކުން، މަޖިލީހުގެ ޖަލްސާއެއް އަވަހަށް ނިންމާލުމަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތެއް އެ ހިސާބުން ނިމުނީ ނޫންކަން މީޑިއާތަކަށާއި އަދި ރައްޔިތުންނަށް، މަޖިލީހުގެ ޖަލްސާތައް ބައްލަވާ ފަރާތްތަކަށާއި، ފާޑުވިދާޅުވާ ފަރާތްތަކަށް ވެސް އިތުރު ފަސޭހައެއް މިކަމުން ގެނެސްދިނުމުގެ މަގުސަދުގައި މިވާހަކަތައް މި ދަންނަވާލަނީ،“
މީގެ ކުރިން ޕީއެންސީގެ މެންބަރުން ވެސް ވަނީ އަބްދުއްރަހީމް ވާހަކަ ދެއްކެވި މޭރުމުން އެކަމުގައި ވާހަކަ ދައްކަވައިފަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ.
ޗުއްޓީން އެނބުރި އައިސް ފުރަތަމަ ހަފުތާ ވެސް މަޖިލީހުގައި ބޭއްވީ އެންމެ ޖަލްސާއެކެވެ.
ހަމައެއާއެކު ގިނަ މެންބަރުންތަކެއް ބަހުސްކުރުމުގެ ފުރުސަތަށް އެދިއެދި ތިއްބައި ޖަލްސާ ކުރުކޮށްލައި، ނިންމާލާފައި ވެސް އެބަހުއްޓެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން