މާލޭ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން އާންމުންނަށް ބަންދުކޮށްފި އެވެ.
ރަސްމީ ފާލަން އާ ޑިޒައިނަކަށް މަރާމާތު ކުރުމަށްފަހު ހުޅުވާފައިވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދިން އެ ފާލަން މާރާމާތު ކުރުމުގެ ހަރަދަށް 11.7 މިލިއަން ރުފިޔާ ހަރަދުވި އެވެ.
އެ ފާލަމަކީ، ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ގައުމީ ތަރައްގީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެކެވެ.
ނަމަވެސް އެ ފާލަން ހުޅުވިފަހުން އެތަން މަޝްހޫރުވެފައިވަނީ ޓިކްޓޮކް ވީޑިއާތަށް ހެދުމަށެވެ. ރަސްމީ ފާލަން މަތީގައި އެގޮތަށް ނަށައި ޓިކްޓޮކް ކުޅޭތީ އާންމުންގެ ފާޑު ކިޔުން އަމާޒުވި އެވެ. އަދި ފާލަން އާންމުންނަށް ބަންދު ކުރުމަށް ވެސް ސަރުކާރަށް ގޮވާލި އެވެ.
އެ ފާޑު ކިޔުންތަކާ ގުޅިގެން ރަސްމީ ފާލަން މިހާރު ވަނީ އާންމުންނަށް ބަންދުކޮށްފަ އެވެ.
ރަސްމީ ފާލަމަކީ ރާއްޖެއަށް ޒިޔާރަތް ކުރާ އެހެން ގައުމުތަކުގެ އިއްޒަތެރިންނަށް މަރުހަބާ ދެންނެވުމަށާއި އެ މީހުން މާލެ ފޭބުމަށް ބޭނުންކުރާ ފާލެމެވެ.



