ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމޭރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާގެ ޝަރީއަތް ލައިވް ކޮށްދޭން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހެޅުއްވި ނަމަވެސް، ޝަރީއަތް ލައިވްނުކުރަން ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
އެމްޑީޕީން މޭ މަހުގެ ތެރޭގައި ބޭއްވި މުޒާހަރާގެ ތެރެއިން އުމޭރުގެ ކަރާމާތަށް އަރައިގަނެއެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބޭރު (މާންދީ) ދެއްކި ވާހަކަތަކާއި ގުޅިގެން އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ ދެކޮޅަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ ދައުވާކޮށްފަ އެވެ.
ސާޖިދާގެ ފަރާތުން ވަނީ އެ މައްސަލައިގައި އިޖުރާއީ ދެ ހުށަހެޅުމެއް ވެސް ހުށަހަޅައިފަ އެވެ، އެއީ އެމްޑީޕީ އާއި ފައްޔާޒު އަދި މަންދީ އަށް ކުރާ ދައުވާތަކުގެ ޝަރީއަތް އެކުގައި ކުރިއަށް ގެންދިޔުމަށާއި މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ޓީވީން ލައިވްކޮށް ދެއްކުމަށެވެ. ޝަރީއަތް ލައިވް ކުރުމަށް ސާޖިދާގެ ފަރާތުން އެދިވަޑައިގަތީ ޝަރީއަތުގައި ހިންގާ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ގޮތުންނެވެ.
ސިވިލް ކޯޓުން މިއަދު އެ ދެ އިޖުރާއި ހުށަހެޅުމާ ގުޅިގެން ނިންމި ނިންމުމުގައި ވަނީ އަޑުއެހުންތައް އާންމުކޮށް ހުޅުވާ ނުލެވޭނެ ކަމަށާއި އަޑުއެހުންތައް ކުރިއަށް ގެންދާނީ ސިއްރު ކޮށްގެން ކަމަށެވެ. އެ ނިންމުމުގައި ބުނީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ އަދި މައިގަނޑު ހުސޫމާތް ކުޑަކުއްޖަކަށް އަމާޒުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމުން، އަޑުއެހުންތައް ބްރޯޑްކާސްޓް ނުކުރެވޭނެ ކަމަަށެވެ.
”އާންމުކޮށް ބްރޯޑްކާސްޓް ކޮށްގެން މި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދިޔުން ވެގެންދާނީ ކުއްޖާގެ މަސްލަހަތަށް އިސްކަން ދެވިގެން ނިންމޭ ނިންމުމެއް ކަމަށް ނުދެކޭތީ އާއި މައްސަލަ އާންމުކޮށް ބްރޯޑްކާސްޓްކޮށްފި ކަމުގައިވާ ނަމަ، ކުރިމަގުގައި ކުއްޖާ ތަހައްމަލު ކުރަން ޖެހުމުގެ އިހްތިމާލު އޮތް ނަފްސާނީ ގިނަ ކަންތައްތަކަކުން ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި…،“ ގާޒީގެ ނިންމުމުގައިވެ އެވެ.
ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އާޒިމާ ޝުކުރޫގެ ލޯ ފާމް ކަމަށްވާ ރެހެންދި ޗެމްބާސްއިން ނެރުނު ނޫސްބަޔާނެއްގައި މީގެކުރިން ބުނެފައިވަނީ މާންދީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ ކަމަށެވެ. މާންދީގެ މައްޗަށް ދައުވާކުރީ އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެފައިވާތީ ކަމަށެވެ. އަދި އުމޭރުގެ ކިޔެވުމަށާއި މުސްތުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިވެފައިވާތީ ކަމަށެވެ.
ރެހެންދި ޗެމްބާސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާންދީއާއި އެމްޑީޕީ އަދި ފައްޔާޒުއާ ދެކޮޅަށް ސިވިލް ކޯޓުގެ އިތުރުން ފެމިލީ ކޯޓުގައި ވެސް ދައުވާކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ މައްޗަށް ދައުވާކުރަނީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ އެމްޑީޕީން ބޭއްވި އެއްވުމެއް ކަމަށް ވެފައި، އެކަން ހުއްޓުވުމަށް އެ ޕާޓީން މަސައްކަތްކޮށްފައި ނުވާތީ ކަމަށް ލޯ ފާމުން ބުންޏެވެ. އަދި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެ ވާހަކަތައް ކުށްވެރި ކުރުމުގެ ބަދަލުގައި އެފަދަ ވާހަކަތަކަށް ހިތްވަރު ލިބޭ ގޮތަށް ފައްޔާޒު އެކްސްގައި ޕޯސްޓެއް ކުރެއްވުމުގެ ސަބަބުން ކަމަށް ލޯ ފާމުން ބުންޏެވެ.

8 Comments
ގުޅުންހުރި
ޒުވާނުންގެ މުޒާހަރާގައި ބައިވެރިވުމަށް އެމްޑީޕީން ނިންމައިފި
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނޯޓިސް ފޮނުވައިފި
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު
ޖާހްގެ ބޭންކު އެކައުންޓްތަކުގައި ފައިސާ ފައިސާ ހުރި ނަމަ ހިފަހައްޓަން އަމުރުކޮށްފި
އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި، ދައުވާކޮށްގެން ފަހަތައް ނުޖެއްސޭނެ: ސޯލިހު
މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށްވެސް ފަސްޓް ލޭޑީގެ ފަރާތުން