މެއި 13, 2025

ނަރުހުންގެ އަގު، ކުރީ ސަރުކާރުތަކުން ވަޒަންނުކުރާ މިންވަރަށް ވަޒަންކުރާނަން: ރައީސް

ވަރުބަލިވުމެއް، ފޫހިކަމެއް ނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރައްވާނެ ކަމަށާއި ނަރުހުންގެ އަޑުއަހައި އިޖާބަ ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ، ނަރުހުންނަކީ ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ރުކުރުވައިލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރު ކަމަށާއި މުޅި ސިއްހީ ނިޒާމުގެ އެއްބައި އަނެއްބަޔާއި ގުޅުވައިދޭ ބާރު ކަމަށެވެ.

”ކާމިޔާބު ކަމާއެކު ބޭސްފަރުވާ ދޭ ތަނެއްގެ ލޮލަކީވެސް، ކަންފަތަކީވެސް، ދަރުމަވެރި އަތަކީވެސް ނަރުހުންނެވެ. ބުއްދިވެރި ބަހެއްގައި ”އެކެއްގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ބަޠަލެއް ކަމުގައި، އަދި ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ނަރުހެއް ކަމުގައި“ ބުނަނީ ނަރުހުންދޭ ވަފާތެރި އަގުހުރި ހިދުމަތުގެ މަތިވެރިކަމަށްޓަކައެވެ.،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހިދުމަތްކުރާ ނަރުހުންގެ 92 ޕަސެންޓަކީ އަންހެނުން ކަމަށާއި އެކަމުން ދޭހަވަނީ، އެފަދަ ބުރަ، ގައުމީ އަދި އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެންދަރީން އަދާކުރާ އަގުހުރި ދައުރު ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް ސިއްހީ ނިޒާމު ފުޅާކޮށް ޒަމާނީ ކުރުމަށް އިތުރު ނަރުހުން ބޭނުންވާ ކަމަށާއި އެ ހިދުމަތުގައި ދިވެހީންގެ ނިސްބަތް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

ބައްޔަކަށް، އުނދަގުލަކަށް ފަރުވާ ހޯދަމުންދާ މީހެއްގެ އާއިލާއަކީ ދުނިޔެއަކީ މިތުރުންނަކީވެސް ނަރުހުންކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ ނަރުހުންގެ ހިދުމަތަކީ، ދެވޭ މުސާރައަކަށްވުރެ، އެ ހިދުމަތަށް ލިބޭ ސަވާބާއި ދަރުމަ، އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮދުއާ، އެތައް ގުނައަކަށް އިތުރު މާތް މަސައްކަތެއް ކަމަށެވެ.

އަދި ނަރުހުންގެ އަގުހުރި ގައުމީ ހިދުމަތަށް ބަސްތަކަކުން، ލަފުޒުތަކަކުން، ތައުބީރުކުރުންތަކަކުން ޝުކުރު އަދައެއް ނުކުރެވޭނެ ކަމަށެވެ. އަދި ވަރުބަލިވުމެއް ނެތި ކުރާ ހިންމަތާއި މިންނަތަށް، ކުއްލި ހާލަތްތަކާއި ބޮޑެތި ބަލިތަކާއި ވަބާތައް ބޯމަތިވެގެން އަންނައިރު، ހިދުމަތުގެ ކުރީ ސަފުގައި ދައްކާ ސާބިތުކަމަކަށް އަގު އަދައެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

3 Comments

  • Marie Shifa މެއި 12, 2025

    އަނގައިން ބޭރުކުރައްވާ ކޮންމެ ޖުމްލައަކަށް ކުރީ ސަރުކާރު ލެއްވުން އެދެން…

  • Nasiha Moosa މެއި 12, 2025

    ކުރީ ސަރުކާރު ތަކުން ރައްޔަތުންނަށް ބޭނުންވާ ބޭސްކޮޅު ފޯރުކޮށް ދީފަވަނީ މިސަރުކާރަށް މިވަރު ކޮށްނުދެވޭ ދެންކިހިނެއްތަ ނަރުހުންގެ އަގުވަޒަން ކޮށްދެވޭނީ ވޯޓްދިނީ ރައްޔަތުން ނަރުން އެކަންޏެއް ނޫން

  • Kuree Sarukaaru މެއި 12, 2025

    Mudhi

Leave a Reply