މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ އިން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގައި ހަދާފައިވާ ގުދަނުގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލައިގައި ފުލުހުންގެ ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާާލް، 21އ. އާ އެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ބައްދަލުކޮށް ސުވާލުކޮށްފި އެވެ.
ރައުދުއާ ބައްދަލުކުރިކަން ފިޔަވާ އިތުރު އެއްވެސް މައުލޫމާތެއް ރިޔާސީ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
ޔުމްނު، ގުދަނުގެ ފުރާޅު މައްޗަށް ވެއްޓުނުއިރު އޭނާ އާއެކު ފެންޓެނޯއީ ގޭގައި އުޅުނީ ރައުދު އެވެ. އެ މައްސަލައިގައި ފުލުހުން ރައުދު ހައްޔަރުކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 24 ގައެވެ. އޭގެ ފަހުން ތިން ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން ބަންދު ޖެހީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފަ އެވެ.
ރައީސް މުއިއްޒު އެ ކޮމިޝަން އުފެއްދެވީ މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު އެވެ. އެއީ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެ، ކަންކަން ސިއްރުކޮށް އޮޅުވާލަމުންދާ ކަމަށް ބުނެ، ޒުވާނުން ކުރަން ފެށި ސިލްސިލާ މުޒާހަރާތަކުގެ ސަބަބުންނެވެ.
އެ ކޮމިޝަނުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެފައިވަނީ ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ޕޯޓަލްއެއް ތައާރަފުކުރާނެ ކަމަށެވެ.
އަދި ހާދިސާއާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކޮށް ތަހުގީގަށް މައުލޫމާތު ހޯދައި ކޮމިޝަނުން މި މައްސަލައިގައި ކުރަމުންދާ މަސައްކަތް އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޔުމްނު މިހާރު ފަރުވާ ހޯދަމުން އަންނަނީ މެލޭޝިއާ ހޮސްޕިޓަލެއްގަ އެވެ. ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ މިމަހު އަށްވަނަ ދުވަހުގެ ރޭ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަނީ ޔުމްނު އަމިއްލައަށް ވެއްޓުނީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް ބުނެފަ އެވެ.
އަދި ފެންޓެނޯއީ ގެއަކީ ޔުމްނު ކުރިންވެސް ގޮސް އުޅުނު ގެއެއް ކަމަށާއި އެރޭ ޔުމްނު އެ ގެއަށް ދިޔައީ އެ ހާދިސާއާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވާ ދިން ދައުވަތަކަށް ކަމަށް ޔުމްނު ބުނެފައިވާ ކަމަށް އޭނާގެ ދައްތަ ބުންޏެވެ.
މީގެ ކުރިން ފުލުހުން ބުނެފައިވަނީ ފެންޓެނޯއީ ގެއަކީ ޔުމްނުއާ އެއްވެސް ގުޅުމެއް ނެތް ގެއެއް ކަމަށެވެ.
”އެކަމަކު ޔުމްނު އަޅުގަނޑުމެންނަށް ކިޔައިދީފި މިއަދު، އެ ގެއަކީ ޔުމްނު ކުރިންވެސް ގޮސް އުޅުނު ގެއެއް ކަމަށް. އަދި އެ ގެއަށް އިންވައިޓް ކޮށްފައިވަނީ ޔައްސާރު ކަމަށް. ގޭގެ ލޮކޭޝަން ވެސް ފޮނުވީ ޔައްސާރު. ދެ ގެއަށްވެސް ދިޔައީ ޔައްސާރުގެ އިންވިޓޭޝަންއަކާ އެކީގައި“ ޔުމްނުގެ ދައްތަ ބުނެފައިވެ އެވެ.
އެ ގޭގައި ރައުދުގެ އިތުރުން ހަތަރު މީހަކު އެ ވަގުތު ތިބި ކަމަށް ޔުމްނު ބުނި ކަމަށް އޭނާގެ ދައްތަ ކިޔައިދިނެވެ. ނަމަވެސް އެ ހަތަރު މީހުންނަކީ ކޮބައިކަން ހާމައެއް ނުކުރެ އެެވެ.

ގުޅުންހުރި
މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެ
ފޭކު ވިސާގައި ބިދޭސީން ގެނެސް މަނީ ލޯންޑާ ކުރަމުންދިޔަ ބިދޭސީ ހައްޔަރުކޮށްފި،
ޝާހިދު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާކުރައްވައިފި
ޝަމްއާންގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
2007ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ފާސްކޮށްފި
ކުރިން ބުނީ ޒަކިއްޔާގެ އޮޓޮޕްސީ ނުހެދުމަކީ ހެދުނު ގޯހެއް ކަމަށް، މިހާރު