ރާއްޖެއަށް އެހީ ހޯދަން ފޮރިން މިނިސްޓަރު ހަލީލު ކުވޭތަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު، ރަސްމީ ދަތުރެއްގައި ކުވޭތަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކުވޭތުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަތަކަށް ހަލީލު ކުރައްވާ އެ ދަތުރުގެ ތެރެއިން ކުވޭތުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އެހީ ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ، ހަލީލުގެ ދަތުރުގައި ކުވޭތުގެ ކޮމާސް އެންޑް އިންޑަސްޓްރީޒް މިނިސްޓަރާއި އިންވެސްޓްމަންޓް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރާއި ސަރުކާރުގެ އެހެނިހެން އިސް ވެރިންނާވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

އެ ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓުގެ ދާއިރާ އިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.