ޑުރަގުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ދުވާނީ ޑުރަގުގ ވިޔަފާރިކުރާ ބޮޑުންގެ ފަހަތުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދޭ ’އަހާ‘ ފޯރަމްގައި ރޭ ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ އެހެން ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން ޑުރަގުގެ މައްސަލައަށް މަސައްކަތްކުރަނީ އޭގެ ވިޔަފާރީގެ މިންވަރު ދަށްކުރުމަށް ފޯކަސްކޮށްގެން ކަމަށެވެ.
”އެކަން ކުރާ އިރުގައި، އަޅުގަނޑުމެން މަސްތުވާތަކެތި ފަހާ ދުވުމުގެ ބަދަލުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އަޅުގަނޑުމެން އަތުލައިގަންނަނީ. އެހެންވީމާ އަޅުގަނޑުމެން މިހާރު މުޅި ރާއްޖެއަށް ފުޅާކޮށްގެން ތަހުގީގުތަކެއް އެބަ ގެންދަން. މިވަގުތު ވެސް މަނީ ލޯންޑަރިން ފްރޮންޓުން އަޅުގަނޑުމެން މި މައްސަލަ މި ބަލަނީ،“ އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑުރަގް ވިއްކާ މީހުން އަދި އޭގެ މުލުގައި ތިބޭ މީހުން މަސްތުވާތަކެތ ވިއްކަމުން ނުދާ ކަމަށާއި އޭގެ ބަދަލުގައި އެ މީހުން އެ ތަކެތި ވިއްކަނީ އެހެން ބަޔަކު މެދުވެރިކޮށް ކަމަށެވެ. އެހެންވެ ފުލުހުންގެ އޮޕަރޭޝަންތަކުގައި އަތުލައިގަނެވެނީ އޭގެ މެދުތެރޭގައި ތިބޭ މީހުން ނުވަތަ އެންމެ ދަށުގައި ހުންނަ މީހާ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެން މިހާރު ފައިސާ ފޮލޯކޮށްގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ގަބޫލުކުރެވޭ، އަދި އަތޮޅުތަކުގައި މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑެތި މީހުން މި ހޯދަނީ. ހޯދާފައި އެ މީހުންނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު މި އަޅަނީ، އެކަން އަޅުގަނޑުމެން ހުއްޓުވަނީ، އެމީހުންގެ ފައިސާ ސީޒްކުރާނީ، އެމީހުންގެ ވިޔަފާރިތައް އަޅުގަނޑުމެން ހުއްޓުވާނީ،“ އިހުސާން ވިދާޅުވި އެވެ.




3 Comments
ގުޅުންހުރި
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގު އެތެރެކުރި މައްސަލައިގައި ހިމެނޭ ދެ މީހުންގެ
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް