ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުސްނުއްސޫއު ހުންނެވި އިރު ޖުޑިޝަރީއާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ގެންދެވި ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއް ކަަމަށްވާ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ސުއޫދު މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. ފަނޑިޔާރު ކަމުން ސަސްޕެންޑް ކޮށްފައިވަނިކޮށް ސުއޫދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދު އިސްތިއުފާ ދެއްވީ ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށެވެ.
ރައީސް އޮފީހާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދޭ ’އަހާ‘ ފޯރަމްގައި ރޭ ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އޭނާ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ. ނަމަވެސް ސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އޭނާ ދައްކަވަނީ ސިޔާސީ ވާހަކަތައް ކަމަށްވުމުން އެކަމަށް ރައްދު ދޭން ބޭނުންނުވާ ކަމަށް ވިދާޅުވި އެވެ.
”ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ އެ ބޭފުޅާ (ސުއޫދު). ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނާނީވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ،“ އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ އޭނާއާ ގުޅޭގޮތުން އެއްވެސް ތަނަކުން ތަހުގީގެއް ހިންގައިފިނަމަ ޖަވާބުދާރީވެވަޑައިނުގަނެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ގުޅުންހުރި
ޝާހިދު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާކުރައްވައިފި
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވައިފި
ފަނޑިޔާރުންނާ ދެކޮޅަށް ހަކިބަސް ދިން ހަނީފަށް ފެނަކައިގެ އިސް މަގާމެއް ދީފި
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިނުގަތް
ފަނޑިޔާރުންގެ މައްސަލަ އޮއްވައި ޖުޑިޝަރީ ކޮމިޓީއަށް ބަދަލު ގެނެސްފި
މަހާޒް ގުޅުއްވީ އަޒްމިރަލްދާގެ ފިރިކަލުން ދޫކޮށްލިކަން ނޭނގި، އެއީ ނުފޫޒު ފޯރުވުން!