ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދާއި އިމިގްރޭޝަންގެ އިތުރު ހަތަރު ވައްޒަފެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލައިގައި ފުލުހުން ތުހުމަތުކުރަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދުމަށްފަހު، އިމިގްރޭޝަންގެ މުވައްޒަފުން، އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ހުށަހެޅި މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. އަދި ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި އެ އޮފީހުން ގޮތެއް ނިންމާނެ ކަމަށެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ތިން މީހެކެވެ. އެއީ؛
– ތ. ބުރުނީ، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް، 21
– ގ. ހެޕީސައިޑު، އިބްރާހިމް އަހުމަދު، 37
– ގ. ހެޕީސައިޑު، އަހުމަދު ސަހެޝަން، 47
ފުލުހުން ޝަމްއާން ހައްޔަރުކުރީ ޖެހިގެން އައި ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވިތަނާ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ އޮޕަރޭޝަން ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
އެ ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި