މެއި 14, 2025

ފޭކު ވިސާގައި ބިދޭސީން ގެނެސް މަނީ ލޯންޑާ ކުރަމުންދިޔަ ބިދޭސީ ހައްޔަރުކޮށްފި، އެކައުންޓުގައި 8 މިލިއަން

ރާއްޖެއަށް ފޭކު ވިސާތަކުގައި ބިދޭސީން ގެނެސް މަނީ ލޯންޑާކުރަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ހަމްޒަތު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސެއިން ކަމަށާއި އޭނާގެ ފޯނު އަތުލުމަށްފަހު މައްސަލައާ ގުޅުންހުރި ހެކިތައް މިހާރު ވަނީ ހޯދައިފައި ކަމަށް ހަމްޒަތު ވިދާޅުވި އެވެ.

ހަމްޒަތު ވިދާޅުވީ ޝަހާދަތު ވަނީ ބީއެމްއެލްގައި ތިން ޑޮލަރު އެކައުންޓް ތިން ރުފިޔާ އެކައުންޓު ހުޅުވާފައި ކަމަށާއި 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ އެކައުންޓުތަކުން އަށް މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށެވެ.

ޝަހާދަތު 2014 އިން ފެށިގެން ހަތަރު ވޯކް ޕާމިޓެއްގައި މިހާތަނަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެންމެ ފަހުން އޭނާ އަދާކުރީ އޮފީސް ބޯއިއެއްގެ ވަޒީފާ ކަމަށާއި އެއީ މަހަކު 3،000 ޑޮލަރުގެ މުސާރައަކަށް ކަމަށް ހަމްޒަތު ވިދާޅުވި އެވެ. ޝަހާދަތު ހުސެއިން މާލޭގައި އުޅެނީ 18،000 ރުފިޔާއަށް ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަގައިގެން ކަމަށް ހަމްޒަތު ވިދާޅުވި އެވެ.

މީގެ އިތުރުން ހަމްޒަތު ވިދާޅުވީ ޝަހާދަތު ވަނީ އެކްސްޕެޓް ސިސްޓަމްގައި އަމިއްލަ ފަރުދުންގެ ވިޔަފާރިވެރިންގެ ނަމުގައި 150 އެކައުންޓް، އަމިއްލަ ކުންފުނިތަކުގެ ނަމުގައި 283 އެކައުންޓު، ބޭރު ކުންފުނިތަކުގެ ނަމުގައި ހަތް އެެކައުންޓް ޕާޓްނާޝިޕްގެ ނަމުގައި އެކްސްޕަޓް ސިސްޓަމްގައި ރިލޭޝަން ގާއިމްކޮށްފައިވާ ފަސް އެކައުންޓު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިވެރިންގެ ނަމުގައި 150 އެކައުންޓް ހުޅުވާފައި ކަމަށެވެ.

އެ އެކައުންޓުތަކެއްގެ އައިޑީ އާއި ޕާސްވޯޑުގެ މައުލޫމާތު ޝަހާދަތު އަތުގައި ހުރި ނަމަވެސް އެއީ އޭނާ ހުޅުވާފައިވާ އެކައުންޓުތަކެއް ނޫން ކަމަށް ހަމްޒަތު ވިދާޅުވި އެވެ.

އިމިގްރޭޝަންގެ މުވައްޒަފުންނާއި އާންމުންގެ ގިނަބަޔަކުވަނީ ޝަހާދަތު ހުސެއިންއާ ގުޅިގެން އެ ކުންފުނިތަކުގެ ނަމުގައި ބިދޭސީންގެ ކޯޓާ ނަގައި، ބިދޭސީން ރާއްޖެއަށް އެތެރެކޮށް، ވަޒީފާ ނުދީ މަގުމައްޗަށް ދޫކޮށްލައިފައި ކަމަށެވެ.