މެއި 16, 2025

ދިރިއުޅޭ ގޭގެ ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ހުރިހާ ކަމަކަށް ޒިންމާ ނަގާކަށް ނުޖެހޭނެ: އަމީން

އޭނާ ދިރިއުޅުއްވާ މއ. މާންދޫގޭ ދެކުނުގެއަކީ އޭނާއާ އެއްބަނޑު އެއްބަފާ ތިން މީހުންގެ ނަމުގައި އޮންނަ ތަނެއް ކަމަށާއި އެތަނުގައި ގާނޫނާ ހިލާފު އަމަލެއް ކުރި ނަމަވެސް އެކަމުގެ ޒިންމާ ސީދާ އޭނާ ނަންގަވަންޖެހޭ ގާނޫނީ ނުވަތަ ބުއްދީގެ ހުއްޖަތެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުން ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނާ ވެއްޓުނު ދުވަހުގެ ކުރީ ރޭ ހަތް މީހަކު ހަރަކާތްތެރިވި އެވެ.

އެއީ ޔުމްނުގެ އިތުރުން ދެ އަންހެނަކާއި ފަސް ފިރިހެނެކެވެ. އެ ގްރޫޕު އެ ރޭ ފުރަތަމަ ދިޔައީ ”މާލޭގެ މެދުތެރޭގައި“ ހުރި ގެއަކަށް ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ގެއެއް ކަމެއް ނުބުނެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅޭ މއ. މާންދޫގޭދެކުނުގެ އެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ޔުމްނު ވެއްޓުނު ހާދިސާގެ ކުރިން އަމީން ދިރިއުޅޭ މއ. މާންދޫގޭ ދެކުނުގޭގައި ޔުމްނު އާއި އޭނާ އާއެކު އުޅުނު މީހުން މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވަމުން އަމީން ވިދާޅުވީ، އޭނާ ދިރިއުޅޭ ގެއަކީ އޭނާ އާއެކު ހަތަރު ފަރާތެއްގެ ނަން މަތީގައިވާ ތަނެއް ކަމަށާއި އެ އިމާރާތުން އޭނާއަށް ހާއްސަވަނީ އޭނާއަށް ލިބިފައިވާ ތަންތަން ކަމަށެވެ. އަދި އިމާރާތުގެ ކޮމަންއޭރިއާއަކީ އިމާރާތުގެ އެންމެން ބޭނުންކުރާނެ ތަންތަން ކަމަށް ވިދާޅުވި އެވެ.

”އެހެން ކަމަށްވާނަމަ އެއްމަދު އިމާރާތެއްގައި ނުވަތަ ކޮންޑޮމޭނިއަމެއްގައި އެތައް ބަޔަކު އެޕާޓްމަންޓުތަކެއްގައި އުޅޭއިރު އެތަނުގައި ޖިނާއީ ކުށެއް ކޮށްފި ނަމަ އޭގެ ޒިންމާ ވަކި އޯނަރެއް، އޭނާ ވަކި މަގާމެއްގައި އަދާކުރާތީ ނަގަންޖެހޭ ގާނޫނީ ނުވަތަ ބުއްދީގެ ހުއްޖަތެއް ނެތް،“ އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިރިއުޅުއްވާ ގޭގައި ގާނޫނާ ހިލާފު އަމަލެއް ހިންގައިފި ނަމަ އެކަން ބަލަންވާނެ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކަމެއް އޭނާ ދިރިއުޅުއްވާ ގޭގައި ހިންގާފައިވާ ކަމަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ނިންމަވާފައެއް ނުވާ ކަމަށެވެ.

އަމީން މިހެން ވިދާޅުވި ނަމަވެސް، އޭނާ ދިރިއުޅުއްވާ ގެއަށް ހެކި ހޯދަން ފުލުހުން ދިޔައީ ޔުމްނު ވެއްޓުނު ކަމަށް ބުނާ ދުވަހުގެ ހަތް ދުވަސް ފަހުންނެވެ. ފުލުހުން އެއަށްފަހު ބުނީ، ބަލައި ފާސްކުރި ގެތަކުން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށެވެ.