މެއި 16, 2025

ރަސޫލާގެ ސުންނަތާ ދެކޮޅު ހަދާ މީހުންނާމެދު ސަމާލުވާންޖެހޭ: ހުތުބާ

ރަސޫލާގެ ސުންނަތާ ދެކޮޅު ހަދާ މީހުންނާމެދު ސަމާލުވާންޖެހޭ ކަމަށް ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ އިސްލާމްދީން އެކުލެވިގެންވަނީ މައިގަނޑު ދެ މަސްދަރުގެ މައްޗަށެވެ. އެއީ، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ އަގުމާތްވި ސުންނަތް ކަމަށެވެ.

ޝައްކެތްނެތް ގޮތުގައި މާތް ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވައިފައިވަނީ އަހަރެމެންނަށް ސީދާ މަގަށް މަގު ދެއްކެވުމަށް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ބައެއް މީހުން ދެކޭ ގޮތުގައި، މުސްލިމުން ޢަމަލުކުރާންޖެހޭ ހުރިހައި ކަމެއް، ކީރިތިވަންތަ ﷲ ވަނީ ގުރްއާނުގައި ބަޔާންކުރައްވައިފައި ކަމަށެވެ. ނަމަވެސް ހަގީގަތުގަައި މިއީ ވަރަށްގޯސް ވިސްނުމެއް ކަމަށާއި. އެހެނީ، އިސްލާމީ ޝަރީއަތުގެ ގިނަ ކަންތައްތައް ސުންނަތަށް ރުޖޫއަވުމަކާ ނުލައި، ހަމައެކަނި ގުރްއާނުން ދަލީލު ނަގައިގެން އަމަލުކުރުމީ މުސްތަހީލު ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

“އެ ގޮތުން، ނަމާދަކީ ދީނުގެ އެންމެ މުހިންމު އެއް ރުކުނެވެ. އެއީ އިސްލާމް ދީނުގެ ތަނބެވެ. ޝަހާދަތުގެ ދެ ކަލިމައަށް ފަހު ދީނުގައި އަދާކުރުމަށް އައިސްފައިވާ އެންމެ މުހިންމު ކަމަކީ ނަމާދުކުރުމެވެ. ނަމާދު ފަރުޟު ކުރެއްވިކަން ކީރިތި ޤުރްއާނުން އެނގޭން އޮތްކަމުގައިވީ ނަމަވެސް، ނަމާދު އަދާކުރާންވީ ގޮތެއް ކީރިތި ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. ހަމަ އެހެންމެ ފަރުޟުކުރެވުނީ ކިތައް ނަމާދު ކަމެއް ވެސް ކީރިތި ޤުރްއާނުން އެނގޭކަށް ނެތެވެ. މި ކަންކަން އެނގެނީ ކީރިތި ރަސޫލާގެ ސުންނަތުންނެވެ.

އެހެންކަމުން ނަމާދުކުރާންވީ ގޮތް ކީރިތި ރަސޫލާ ވަނީ ދަސްކޮށް ދެއްވައިފައެވެ.“ ހުތުބާގައި ބުންޏެވެ.

ޙަގީގަތަކީ މިއީ ކަމުގައިވީ ނަމަ ވެސް، ސުންނަތް ދޫކޮށްލައި ހަމައެކަނި ޤަބޫލުކުރާނީ ޤުރްއާނޭ ބުނާނޭ ބަޔަކު ފަހު ޒަމާނުގައި އަންނާނޭކަމުގެ ޚަބަރު ރަސޫލާ ވަނީ އުއްމަތަށް ދެއްވައިފައި ކަމަށް ހުތުބާގައި ބުންޏެވެ. އަދި މިފަދަ މީހުންނާމެދު ރައްކާތެރިވެ ތިބުމަށް ވެސް އެކަލޭގެފާނުވަނީ އިރުޝާދުދެއްވައިފައެވެ.

އެކަލޭގެފާނުގެ ސުންނަތަށް އިންކާރުކުރާ ބައެއް މީހުން ބުނަނީ އަހަރުމެންނާ ހަމައަށް ރަސޫލާގެ ސުންނަތް އައިސްފައިވަނީ އެހައި އިތުބާރު ހުރި ގޮތަކަށް ނޫންކަމަށާއި އެހެންކަމުން އެއީ ޤަބޫލުކުރެވޭނޭ އެއްޗެއް ނޫންކަމަށެވެ.

ނަމަވެސް މިއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ. އެހެނީ ކީރިތި ރަސޫލާގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެއް ކަމަށާއި އެ ދީން ކީރިތި ﷲ ވަނީ ޤިޔާމަތާ ހަމައަށް ދާންދެން ރައްކާތެރިކުރައްވާނޭކަމަށް ވަޢުދުވެވޮޑިގެންފައި ކަމަށް ހުތުބާގައި ބުންޏެވެ.

އެކަލޭގެފާނުގެ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ގުރްއާން ވެސް އަހަރެމެންނާ ހަމައަށް އައިސްފައިވާ ރޮނގުންނެވެ. އެހެންކަމުން ޤުރްއާނާ ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރިއެއް ނުކުރެވޭނެއެވެ. އަދި ފުރިހަމައެއް ވެސް ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.