ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު ހުށަހަޅުއްވާފައިވާ ކަމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ބުނެފި އެވެ.
އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު ހަމަވީ، މި އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އިނާމަށް ހުށަހެޅުއްވި ބޭފުޅުން ހުށަހެޅުއްވި ވަޒީފާގެ ލިޔުންތައް ކޮމިޓީން ބައްލަވައި، އޭގެ ތެރެއިން އިންޓަވިއުއަށް ޝަރުތުހަމަވާ ބޭފުޅުން ކަނޑައަޅުއްވާފައި ކަމަށެވެ. އެ ބޭފުޅުންނާ ކޮމިޓީން މިއަދު އިންޓަވިއު ކުރައްވަން ފަށްޓަވާފައިވާ ކަމަށްވެސް ބުންޏެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު ގާބިލުކަމާއި އިހުލާސްތެރިކަމާ އެކުގައި ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއަކަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވުމުގެ ޖަލްސާ، މި އަހަރު އޮންނާނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.




ގުޅުންހުރި
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް މާދަމާ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ
އެޗްއާރުސީއެމަށް ކުރީގެ މިނިސްޓަރު ރަމީލާ އައްޔަންކުރައްވައިފި
ރައީސް ޔޫކޭއަށް، މި އަހަރުގެ ތެރޭ ޔޫކޭއަށް ކުރައްވާ ތިންވަނަ ދަތުރުފުޅު