ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، اللهُ تَعَالَىގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް ކަމަށެވެ. އަދި ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށެވެ.
އެކަން ބަޔާންކޮށްދެއްވައި މާތް ނަބިއްޔާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. ”މި ދިހަ ދުވަހަށް ވުރެ، اللهގެ ހަޒުރަތުގައި ސޯލިހު އަމަލުތައްކުރުން ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ. އެ ބޭކަލުން ދެންނެވޫއެވެ. އޭ اللهގެ ރަސޫލާއެވެ! اللهގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ތޯއެވެ؟ ހަދީޘްކުރެއްވިއެވެ. اللهގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މެއެވެ. އޭނާގެ ނަފުސާއި މުދާ ހިފައިގެން ނުކުމެ، އެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނައި މީހާ ފިޔަވައެވެ.“
ހުތުބާގައި ބުނީ، މި ދުވަސްތަކުގައި ކުރެވޭން އޮތް ސޯލިހު އަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭ ކަމަށެވެ. އެގޮތުން ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންގެ އަރިހުން ވާރިދުވެފައި ވެއެވެ. ”އެކަލޭގެފާނު ހައްޖު މަހުގެ ނުވަ ވަނަ ދުވަހާއި އާޝޫރާ ދުވަހާއި ކޮންމެ މަހަކު ތިން ދުވަހު ރޯދަފުޅު ހިއްޕެވިއެވެ.“
އެކަލޭގެފާނު ހަދީޘްކުރައްވައިފައި ވެއެވެ. މާނައީ: ”ހައްޖުވެރިޔާ ނޫން މީހާ، އަރަފާތު ދުވަހު ރޯދަހިފުމަކީ، ވޭތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެކެވެ. އަދި އާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެކެވެ.“
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް الله މި މަތިވެރި އިސްލާމް ދީން ފުރިހަމަކޮށްދެއްވުމާއި މާތް اللهގެ ނިއުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށްދެއްވުން ހިމެނޭ ކަމަށެވެ. އެކަމާ ވިދިގެން މީސްތަކުން އެ ދީނަށް ބައިބަޔަށް ވަންނާން ފެށި އިރު، މާތް اللهގެ ނިއުމަތްތައް ފުރިހަމަ ކޮށްދެއްވުމުގައި އިސްލާމް ދީން އެހެން ދީންތަކުގެ މައްޗަށް ފާޅުކުރެއްވުންވާ ކަމަށް ބުންޏެވެ.
ހުތުބާގައި ވަނީ މުސްލިމުންނަށް މާތް الله ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއްކަމުގައި ވުމަށާއި އެފަދަ ހެޔޮ ކަން ބޮޑު ދުވަސްތަކުގައި ސޯލިހު އަމަލުތައް ގިނަކޮށް މާތް اللهގެ ހަޒުރަތުގައި، މަތީ ދަރަޖައެއް ލިބޭތޯ ވާދަކުރުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި މި ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި މާތް اللهއަށް ޒިކުރުކުރުން ހިމެނޭ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، اللهُ تَعَالَىގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ޒިކުރުކުރުން ކަމަށާއި އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރު ކަމަށެވެ. އަދި އެއީ ދުނިޔެއާއި އާހިރަތުގައި އެ ކަމުގެ ސަބަބުން ނަޖާވުން ލިބޭނޭ ކަމެއް ކަމަށާއި ޒިކުރުކުރާ މީހާ، ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި ޝައިތާނާގެ މަޅީގައި ޖެހުމުންނާއި ނަރަކައިގެ ގިންޏާއި ހިލަތަކުގެ ހޫނުން ރައްކައުތެރިކޮށްދޭނެ ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި
ދިވެހި ހައްޖުވެރިންނަށް ސައުދީގައި ހާއްސަ ކްލިނިކެއް ގާއިމުކޮށްފި
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހު ސާލިހު އަމަލުތައް ގިނަކުރަން ޖެހޭ:
ރަސޫލާގެ ސުންނަތާ ދެކޮޅު ހަދާ މީހުންނާމެދު ސަމާލުވާންޖެހޭ: ހުތުބާ
ހައްޖަށް ދާ މީހުންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން
ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަމެއް، ކަށަވަޅުގެ އެކަނިވެރިކަމުންނާއި އަޒާބުން ސަލާމަތްވާނެ
އުނގެނޭ އިލްމުން ﷲ ގެ ރުހިވޮނޑީގަތުން ހޯދަން މަސައްކަތްކުރަންޖެހޭ: ހުތުބާ