މެއި 30, 2025

ހުޅުމާލޭގެ އާ މާސްޓަ ޕްލޭން: ފޭސް 2-3 އެއްފަސްކޮށް، ފަރުކޮޅުފުށި ސަރަހައްދުގައި ބޮޑު ޕާކެއް

ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ބަދަލުތަކެއް ގެނެސް މިއަދު އިފުތިތާހުކޮށްފި އެވެ.

އެ ޕްލޭން އިފުތިތާހު ކޮށްދެއްވީ ހުޅުމާލެ ފޭސް 2 ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އާ މާސްޓަ ޕްލޭންގައި ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ހުޅުމާލޭގެ ހުޅަނގު ފަރާތުން ކުރީގެ ސަރުކާރުން ހިއްކަން ފެށި ފޭސް 3 އާއި ފޭސް 2 އެއްފަސްކުރުން ހިމެނެ އެވެ. ކުރިން އޮތް ގޮތުން ނަމަ ފޭސް 3 އަކާއި ފޭސް 2 ގުޅާލަން ނިންމާފައި އޮތީ އެންމެ ކޯޒްވޭއަކުންނެވެ.

އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް ވިދާޅުވި ގޮތުގައި ފޭސް 2 އާއި 3 އެއްކޮށްލަން ނިންމީ އާންމު ހިދުމަތްތަކަށާއި ދަތުރުފަތުރަށް މައްސަލަތަކެއް ދިމާވާނެތީ ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ވެސް ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް އުނި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެވަނަ ބަދަލަކީ ހުޅުމާލޭގެ ބަނދަރު ބޮޑުކުރުމެވެ. އެގޮތުން މިހާރު އޮތް 36 ހެކްޓަރުގެ ބަނދަރު، 53 ހެކްޓަރަށް ބޮޑުކުރާނެ އެވެ. އަދި ބަނދަރު ތަރައްގީ ކުރަން ނިންމާފައިވަނީ ފޭސް 1ގެ ހުޅަނގު ފަރާތާއި ފޭސް 3ގެ ދެކުނު ފަރާތުގަ އެވެ.

ބަނދަރުގައި ހިމެނޭނެ ކަންކަން:

  • ޒަމާނީ ފެންވަރުގެ ބޮޑު ޓާމިނަލެއް ތަރައްގީ ކުރާނެ
  • 316 ޑިންގީ/ ސްޕީޑުބޯޓަށް ޖާގަ ލިބޭ ސްޕީޑްބޯޓު މެރީނާއެއް
  • 75 ސަފާރީ އަޅާފައި ބޭއްވޭނެ ވަރުގެ ސަފާރީ މެރިނާއެއް
  • މެރީނާ ކްލަބެއް
  • މުދާ އަރުވާ ބޭލުމަށް ޓީ-ޖެޓީއެއް
  • ޓީ ޖެޓީ ސަރަހައްދުގައި މުދާ ގުދަންކުރެވޭނެ ޑިސްޓްރިބިއުޝަން ސެންޓަރެއް
  • ވެއާހައުސްތަކާއި ވޯކްޝޮޕްތަކަށް ޖާގަ ހުންނާނެ

މީގެ އިތުރުން ފަރުކޮޅުފުށި ސަރަހައްދު ބަދަލުކުރަން ނިންމާފައިވަނީ ހުޅުމާލެ ފޭސް 2ގެ ސެންޓްރަލް ޕާކަށެވެ. އެ ތަނުގައި ހުންނާނެ ކަންކަން:

  • ބޮޑު ފުޓްބޯޅަ ދަނޑަކާއި ކުޅިވަރު ކޯޓުތައް
  • ހަފުލާތައް ބާއްވާނެ ޖާގަ
  • ބާބަކިއު ސަރަހައްދެއް
  • ބޮޑޭނިކަލް ގާޑަން
  • ޕެޓިން ޒޫ
  • އެމްފިތިއޭޓާ
  • ވެޓްލޭންޑް
  • ޕަމްޕް ޓްރެކެއް
  • ބާބަކިއު ހަދަން ހާއްސަ ސަރަހައްދެއް

ހުޅުމާލެ ފޭސް 3ގެ ހުޅަނގު ފަރާތުގައި އާންމުން ހިތްފަސޭހަ ކޮށްލަން ފްލާޒާ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ. ބްރޯޑްވޯކް އަކާއެކު ތަރައްގީ ކުރާ އެ ސަރަހައްދުގައި މަސް ބާނަން ޕްލެޓްފޯމްތަކާއި ވިޔަފާރި އައުޓްލެޓްތައް ހިންގަން ބިން ދޭނެ އެވެ.

ޕްލާޒާ އޭރިއާ ކައިރީގައި ހަދަން ނިންމާފައިވަނީ އިސްލާމީ މަރުކަޒެކެވެ. މިއީ އޮފީސްތަކާއި ސްކޫލް އިމާރާތްތަކާއި ވަފުގު އިމާރާތްތައް ހިމެނޭ ގޮތަށް ތަރައްގީ ކުރާނެ ތަނެކެވެ. އެކަމަށް 321،000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވާ އިރު، އެތަނުގައި ޕާކެއްވެސް ހަދާނެ އެވެ.

މާސްޓަ ޕްލޭނުގައިވާ ގޮތުން އެކްސްޕޯޓައް ބޭއްވުމަށް ހާއްސަކޮށްގެން 300،000 އަކަފޫޓުގެ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ. އެ ސަރަހައްދުގެ ދެ ފަރާތުގައި ވިޔަފާރިކުރާ ތަންތަނާއި މުނިފޫހިފިލުވުމަށް ހާއްސަ ތަންތަން ހަދާނެ އެވެ.