މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެ އިން ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލުމަށް ފުލުހުންނަށް އިރުޝާދު ދިނީ، ރައުދު ފުލުހުންގެ ބަންދުގައި ބަހައްޓައިފިނަމަ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގެ އަދަބަށްވުރެ ގިނަ ދުވަހު ބަންދުގައި ހުންނަން ޖެހިދާނެތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
މަހަކަށްވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ރައުދު ދޫކޮށްލީ ރޭގަ އެވެ. ފުލުހުން ބުނީ، އޭނާ ދޫކޮށްލީ އޭނާގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އިރުޝާދު ދިނުމުން ކަމަށެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު އެކްސްގައި މިއަދު ކުރެއްވު ޕޯސްޓެއްގައި ވިދާޅުވީ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު، އެ މީހަކަށް ކުރެވޭ ދައުވާގައި ލިބިދާނެ ކަމަށް ބެލެވޭ އަދަބަށްވުރެ އިތުރުވުމުން އެ މީހަކު ދޫކޮށްލުމަށް ޕީޖީ އޮފީހުން އަބަދުވެސް އިރުޝާދު ދެމުންދާ ކަމަށެވެ.
ރައުދުގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެ މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ބުނީ، އެ މައްސަލަ ބަލައިގަނެ، 15 ދުވަސް ތެރޭ ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ރައުދުގެ މައްޗަށް ކޮށްދޭން އެދިފައިވަނީ ކޮން ދައުވާއެއް ނުވަތަ ދައުވާތަކެއް ކަމެއް އަދި ނޭނގެ އެވެ. ފުލުހުންވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުންވެސް އެކަން ހާމައެއް ނުކުރެ އެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެ މަހުގެ 24 ވަނަ ދުވަހު އެެވެ. އެ ފަހުން ހަ ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ. ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މި މަހުގެ 22 ވަނަ ދުވަހު ރައުދު ދޫކޮށްލި އެވެ. ދޫކޮށްލި ދުވަހު ފުލުހުން ވަނީ އާ އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށްފަ އެވެ.

ގުޅުންހުރި
މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ 41500 ރުފިޔާއާއެކު 2 މީހުން ހައްޔަރުކޮށްފި
ގެއްލުނު ”ކޮލަމާ“ ބޯޓު ފެނިއްޖެ، ކެޕްޓަން އޮތީ އިންޖީނު ރޫމު ތެރޭ
ނަފުސާނީ ބަލި މީހަކު، އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފި، އިތުރު
ބަނގުރަލުގެ ވިިޔަފާރި ކުރިކަމަށް ތުހުމަތު ކުރެވޭ 3 މީހުން ޑީޕޯޓް ކުރަނީ
ނޫސްވެރިން އުލުބައިންދަން ފަލާހު ވިދާޅުވި މައްސަލަ ތަހުގީގުކުރަން ޕީޖީގެ ލަފާ ހޯދަނީ
ލައްކައަށް ވުރެ ގިނަ ފައިސާއާއި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި