ހޮޅުދޫ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުނު ލ. މާވަށަށް/ އަލީ މުޝްފިގް މުހައްމަދު ޝަރީފް (25އ) ހޯދުމުގެ މަސައްކަތް ކުރިއަށްދާތީވެ، އޭނާގެ މަރު ސާބިތުކުރުމަށް އެދި އޭނާގެ ބައްޕަ މުހައްމަދު ޝަރީފު، ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަކީ މަސްލަހަތު ހުރި ގޮތެއް ނޫން ކަމަށް ނިންމައި އެ މައްސަލަ ކުރިއަށް ނުގެންދަން މާވަށް މެޖިސްޓްރޭޓް ކޯޓުން މިއަދު ނިންމައިފި އެވެ.
ތ. ކަނޑޫދޫން މުދާ ބަރުކޮށްގެން، މާލެއަށް ދަތުރުކުރަމުން ދަނިކޮށް ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެ، އަޑިއަށް ދިޔައީ މިދިޔަ އޭޕްރިލް މަހުގެ ކުރީކޮޅެވެ. އެ ހާދިސާ ހިނގި އިރު، އެ ބޯޓުގައި ކެޕްޓަނާއެކު 18 މީހުން ތިބި ނަމަވެސް މުޝްފިގު ފިޔަވާ ދެން ތިބި އެންމެން ވަނީ ސަލާމަތްވެފަ އެވެ.
މުޝްފިގުގެ ބައްޕަ ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ބޯޓުގައި ރޯވި އަލިފާންގަނޑު މުޅި ބޯޓަށް ފެތުރުމުން ބޯޓުން ދަތުރުކުރަމުންދިޔަ ހުރިހާ މީހުން މޫދަށް ފުންމާލި ކަމަށާއި ނަމަވެސް މުޝްފިގަކީ ރަނގަޅަށް ފަތަން ނޭނގޭ ކުއްޖަކަށް ވުމުން އޭނާ ހުރީ ފުންމާލަން ނުކުރި ބޯޓުގައި ކަމަށެވެ. އެ ފަހުން އަލިފާނުން ސަލާމަތް ނުވާނެކަން ޔަގީންވުމުން މުޝްފިގު މޫދަށް ފުންމާލީ އޭނާގެ ކޮއްކޮ އަހުމަދު މިންޝާވީއާ އެކުގައި ކަމަށް ބުންޏެވެ.
”އަލީ މުޝްފިގު ޝަރީފް ސަލާމަތްކުރުމަށް އޭނާގެ ކޮއްކޮ އަހުމަދު މިންޝާވީ ވަރަށް މަސައްކަތްކުރި ކަމަށާއި އެ ވަގުތަކީ ރޭގަނޑުގެ ވަގުތު ކަމުގައިވުމުން ވަރަށް އަނދިރި ކަމަށާއި އެ މީހުން މޫދަށް ފުންމާލި އިރު، ފުންމާލެވުނީ ބޯޓުގެ ވައިދަށް ފަރާތަށް ކަމަށާއި އޭރު ބޯޓުގެ އިންޖީނުވެސް ހުރީ ނިއްވާ ނުލައި ގިޔަރަށް ލެވިފައި ކަމަށާއި އެހެންކަމުން އޭރުވެސް ބޯޓު މަޑުމަޑުން ކުރިއަށްދިޔަ ކަމަށާއި އެ ދެ މީހުން މޫދަށް ފުންމާލުމުން ބޯޓު ދިޔައީ އެ ދެ މީހުންނާ ދިމާލަށް ކަމަށާއި އެހެންކަމުން އަލީ މުޝްފިގް ސަލާމަތް ކުރުމަށް އޭނާގެ ކޮއްކޮ އަހުމަދު މިންޝާވީއަށް އުނދަގޫތަކަކާއި ހުރަސްތަކެއް ކުރިމަތިވި ކަމަށާއި އެ ދެ މީހުންނާއި ދިމާލަށް ބޯޓު އަންނާތީ ބޯޓުން ސަލާމަތްވުމަށް ކުރި މަސައްކަތުގެ ތެރޭގައި ދެ މީހުންގެ ހަކަތަބަލިވި ކަމަށާއި އެ ވަގުތު އަހުމަދު މިންޝާވީ އަތުން އޭނާގެ ދޮންބެ އަލީ މުޝްފިގު ދޫވި ކަމަށް އަހުމަދު މިންޝާވީ ކިޔައިން ދިން“ ކޯޓަށް ހުށަހެޅި މައްސަލައިގައި މުޝްފިގުގެ ބައްޕަ ބުނެފައިވެ އެވެ.
އެހެންވެ މުޝްފިގުގެ ބައްޕަ ކޯޓުގައި އެދުނީ، މުޝްފިގަށް ރަނގަޅަށް ފަތަން ނޭނގޭތީ އޭނާ މިހާރު ނިޔާވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެހެންވެ ކަށު ނަމާދު ކުރުމަށްޓަކައި އޭނާގެ މަރު ސާބިތުކޮށް މައްސަލަ ނިންމައި ދިނުމަށެވެ.
މާވަށް މެޖިސްޓްރޭޓް ކޯޓުން މިއަދު އެ މައްސަލައިގައި ގޮތެއް ނިންމި ގޮތުގެ ރައުޔުގައި މެޖިސްޓްރޭޓް އަލީ ޝަރީފް ވިދާޅުވީ މުޝްފިގުގެ މަރު ސާބިތުކުރުމުގެ ގޮތުން އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހޯދުމަށް ފުލުހުންނަށް ސިޓީ ފޮނުވުމުން، މުޝްފިގު ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރާނީ އެމްްއެންޑީއެފުން ކަމަށް ބުނެފައިވާ ކަމަށެވެ.
އަދި ފުލުހުންގެ އެ ޖަވާބާ ގުޅިގެން ޑިފެންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައި އެކަމުގެ މައުލޫމާތު ސާފުކޮށް ދިނުމަށް އެދުުމުން އެ މިނިސްޓްރީން ކޯޓަށް ފޮނުވި ސިޓީގައި މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށް ބުނެފައިވާ ކަމަށް މެޖިސްޓްރޭޓް ވިދާޅުވި އެވެ.
އެހެންވެ އެ މައްސަލައިގެ ގޮތެއް ނިންމަވަމުން މެޖިސްޓްރޭޓް ވިދާޅުވީ މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި އެމްއެންޑީއެފުން އެ މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސުން މައުލޫމާތު ދީފައިވާއިރު އަދި މުޝްފިގު ނުފެންނަ ކަމަށް ފުލުހުން ވެސް މައުލޫމާތު ދީފައިވާއިރު، މުޝްފިގުގެ މަރު ސާބިތުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަކީ އެންމެ މަސްލަހަތު ހުރި ރަނގަޅު ގޮތް ކަމަށް ނުފެންނާތީ، މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ.

ގުޅުންހުރި
އަންނަ މަހުން ފެށިގެން އައިނު ހައްދަން އާސަންދަ އިން 2،000ރ. ލިބޭނެ:
ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގައި ގޯތި އޮތް 302 މީހަކާއި
ކުރީ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓުތައް ދޭން ނިންމައިފި
އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން
ކުރީ ސަރުކާރުން ދިން ފުލެޓުތައް އަތުލެވޭނީ ކޯޓަށް ގޮސްގެން: ފަހި ޔޫނިއަން
މިއަހަރުގެ ހައްޖު މޫސުމުގައި ވަރަށް ހޫނު ގަދަވާނެ، ހޫނުމިން 47 ޑިގްރީއަށް