މިހާ ފެންވަރު ރަނގަޅު، އިހުލާސްތެރި ވަޒީރުންނެއް ދުނިޔޭގެ އެއްވެސް ގައުމަކުން ނުލިބޭނެ: ޝާޑު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ވަޒީރުންނާ އެއް ފެންވަރުގެ ވަޒީރުންނެއް ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝާޑު ވިދާޅުވީ ވަޒީރުކަން ކުރެވެނީ ވަކި ރަށަކުން ވަކި ނަސަބަކުން އަންނަ ބަޔަކަށް ނޫން ކަމަށެވެ. އަދި އެކަން ކުރެވޭނީ ހަމައެކަނި ވަކި އާއިލާއަކަށް، ވަކި ރަށަކަށް ނިސްބަތްވާ އަދި ވަކި ސިފަތަކެއް ހުންނަ ބަޔަކަށް ކަމަށް ވިސްނިފައި އޮތް އޮތުމަކީ މާ ކުރީގެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

”ނުލިބޭނެ. ދުނިޔޭގެ އެއްވެސް ގައުމަކުން ނުލިބޭނެ މިހާ ފެންވަރު ރަނގަޅު. މިހާ އިހުލާސްތެރި. މިހާ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ. މިހާ ހިތްވަރުގަދަ ވަޒީރު ބޭފުޅުންނެއް،“ ޝާޑު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު ކޮރަޕްޝަން ތަޅުލާފައިވާ ކަމަށާއި އެ އަމަލު ހިންގަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ސަރުކާރުން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ސަރުކާރާއި ރައްޔިތުން ޖައްސައި، ފިތުނަފަސާދަ އުފެއްދުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށްވެސް ވިދާޅުވި އެވެ.