ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އެޅުވުމަށް ފަހު ދޫކޮށްލުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ފެށުނު މަސައްކަތުގެ ތެރެއިން ވާނުވާ މައްސަލައަށް ހައްލުތަކެއް ލިބި ޝަރުތު ފުރިހަމަވާ މީހުންގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމަށެވެ
”ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ވަނީ ފަށާފައި،“ ރައީސް ވިދާޅުވި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން ކުށްވެރިން މުޖުތަމައަށް ދޫކޮށްލުމުގެ ކުރިން ފުލުހުންނާއި ކަރެކްޝަންސް އިން އެސެސްމަންޓެއް ހަދާނެ އެވެ.
އެ އެސެސްމަންޓުގެ ރިޕޯޓު ލިބުމުން ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ ނަމަ ކޯޓަށް ހުށަހަޅައިގެން އެކަންކަން ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަނޑައަޅާ ޝަރުތުތަކުގެ މަތީން ބަންދަށް ލުއި ދޭނީ ގިނަ ވެގެން 100 ދުވަހަށެވެ. ކޮންމެ 100 ދުވަހަކުން އެއްފަހަރު ކޯޓަށް ހުށަހަޅައިގެން ބަންދު މުރާޖައާ ކުރާނެ އެވެ.
ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ ވަގުތުން އެ މީހަކު އަލުން ބަންދު ކުރުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ގުޅުންހުރި
ގެއްލުނު ”ކޮލަމާ“ ބޯޓު ފެނިއްޖެ، ކެޕްޓަން އޮތީ އިންޖީނު ރޫމު ތެރޭ
ނަފުސާނީ ބަލި މީހަކު، އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފި، އިތުރު
ބަނގުރަލުގެ ވިިޔަފާރި ކުރިކަމަށް ތުހުމަތު ކުރެވޭ 3 މީހުން ޑީޕޯޓް ކުރަނީ
ޝީ ޖިންޕިންއާ ރައީސް ބައްދަލުކުރައްވައިފި، މަޝްވަރާކުރީ ގުޅުން ހަރުދަނާކުރަން
ނޫސްވެރިން އުލުބައިންދަން ފަލާހު ވިދާޅުވި މައްސަލަ ތަހުގީގުކުރަން ޕީޖީގެ ލަފާ ހޯދަނީ
ލައްކައަށް ވުރެ ގިނަ ފައިސާއާއި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި