ޖޫން 3, 2025

ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހުރިހާ ހަކަތައެއް އިރުގެ ހަކަތައަށް ބަދަލުކުރަނީ

ކުޅުދުއްފުށި ސިޓީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހުރިހާ ހަކަތައެއް އިރުގެ ހަކަތައަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ޖަޕާންގެ ކެނެޑޭވިއާ ކޯޕަރޭޝަންއާ ހަވާލުކޮށްފި އެވެ.

މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ. ކެނެޑޭވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޓަކެށީ އައިބާ އެވެ.

އެ ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިށިގާމީ ރުމިކޯ، އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އަދި ކުންފުނީގެ ބޯޑް ޑިރެކްޓަރުންނާއި ދެ ކުންފުނީގެ އިސް މުވައްޒަފުންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ އެ މަޝްރޫއުގެ ދަށުން ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރުއޯ ޕްލާންޓެއް ބެހެއްޓުމާއި 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމުކުރުމާއި 1450 ކިލޯވޮޓްއަވާގެ ބެޓެރީ ސިސްޓަމެއް ހިމެނޭ ކަމަށެވެ.

އެ މަޝްރޫއު އަށް ދާނެ ކަމަށް ލަފާކުރެވޭ ޖުމުލަ ހަރަދުގެ 27 ޕަސެންޓަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓާ ފައުންޑޭޝަން (ޖީއީސީގެ) ހިލޭ އެހީ އެވެ. އަދި ކެނެޑޭވިޔާގެ ފަރާތުން މަޝްރޫއު އަށް ބޭނުންވާ ޖުމުލަ ހަރަދުގެ 27 ޕަސެންޓް ހިއްސާ ކުރާއިރު، ބާކީ 46 ޕަސެންޓް ހިއްސާ ކުރާނީ އެމްޑަބްލިޔުއެސްސީންނެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާބެހޭ ސިޔާސަތުތަކުގެ އިތުރުން، އދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައްވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖެއަށް އިމްޕޯޓްކުރާ ފޮސިލް ފިއުލް އެތެރެކުރާ މިންވަރު ދަށްކޮށް، ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ހިދުމަތްތަކާއި އަދި އޮޕަރޭޝަން ތަކުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށްވެސް ބުންޏެވެ.

އެގޮތުން މި މަޝްރޫއުގެ ސަބަބުން އަހަރެއްގެ މައްޗަށް ދެ ލައްކަ ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން އަހަރަކު 573 ޓަނުގެ ކާބަން ޑައި އޮކްސައިޑް ޖައްވަން ދިއުން ހުއްޓުވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީ އިން އިތުރަށް ބުނީ، މަޝްރޫއު އާއެކު ކުޅުދުއްފުށީގައި ފެން އުފެއްދުން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ބަދަލުކުރެވި، އޭގެ އިޖުތިމާއީ އަދި އިގުތިސާދީ މަންފާ އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލުކުރުމަށްވެސް އެ މަޝްރޫއު މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް ބުންޏެވެ.