އޭޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31ގެ ނިޔަލަށް 62 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެ އިދާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މި ދުވަސްވަރު ފެތުރެމުންދާ ރޯގާގެ ތެރެއިން އެންމެ ގިނަ ބަޖެކީ އިންފުލުއެންޒާއާއި ކޮވިޑެވެ. އެޗްޕީއޭއިން ބުނީ މި އަހަރުގެ މިހާތަނަށް ކޮވިޑްގެ 107 ކޭސް ރިޕޯޓުކުރި ކަމަށެވެ.
އަދި ފާއިތުވި ހަ ހަފުތާ ތެރޭގައި ރިޕޯޓުކުރި 62 ކޭސްއާ އަޅައިބަލާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ކޮވިޑް ޖެހިގެން ރިޕޯޓުކޮށްފައިވަނީ 27 މީހަކު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ އަހަރާ އަޅައިބަލާއިރު އިންފްލުއެންޒާ ޖެހޭ މިންވަރު ވެސް އިތުރުވެފައިވާ ކަމަށާއި އެގޮތުން މި އަހަރު އޭޕްރީލް މަހުގެ 20އާއި މެއި މަހުގެ 31އާ ދެމެދު 364 މީހަކު އިންފުލުއެންޒާ ޖެހިފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 45 ކޭސް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އަރިދަސްފުސް ރޯގާ ޖެހިގެން އަހަރުގެ މިހާތަނަށް 156،962 ރިޕޯޓުކޮށްފައިވާއިރު، ޑެންގީގެ 116 ކޭހެއް މެއި މަހު ވަނީ ރިޕޯޓުކޮށްފައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.


