ޖޫން 6, 2025

ތިމާއާ ދޭތެރޭ ނުބައިކޮށް ހިތި މީހާއަށް މާފުކުރުމަކީ ވެސް ކުރެވޭ ހެޔޮ އަމަލެއް: ހައްޖު ހުތުބާ

ތިމާއާ ދޭތެރޭ ނުބައިކޮށް ހިތި މީހާއަށް މައާފުކުރުމަކީ ވެސް ހެޔޮ އަމަލެއް ކަމަށާއި ހެޔޮ އަމަލުން ނުބައި އަމަލުތައް ފޮހެވޭނެ ކަމަށް މިއަދުގެ ހައްޖު ހުތުބާ ދެއްވި އަލްމަސްޖިދުލް ހަރާމްގެ އިމާމު ފަޟީލަތުއްޝައިހް ޑރ. ސާލިހު ބުން އަބްދުﷲ ހުމައިދު ވިދާޅުވެއްޖެ އެވެ.

ނަމިރާ މިސްކިތުގައި މިއަދު ދެއްވި ހައްޖު ހުތުބާގައި ޝައިހް ވިދާޅުވީ ސައިތާނަކީ އިންސާނުންގެ އެންމެ ބޮޑު ދުޝްމަން ކަމަށާއި ސައިތާނާއާ ދުރުވާންޖެހޭ ކަމަށެވެ. އަދި މާތް ﷲ އަމުރުކުރައްވާފައިވަނީ ހެޔޮ އަމަލުތައްކޮށް ނުބައި އަމަލުތަކާ ދުރުވުމަށް ކަމަށްވެސް ވިދާޅުވި އެވެ.

”ތިމާގެ ދުޝްމިނުންނަށް މައާފުކުރުމަކީވެސް ހެޔޮ އަމަލެއް. ހެޔޮ އަމަލުން ނުބައި އަމަލުތައް ފޮހެވޭނެ. އެހެންކަމުން ގިނައިން ހެޔޮ އަމަލު ކުރެވޭތޯ ބަލާ. ނަމާދު ގާއިމުކުރޭ. އެއީ މާތް ﷲ އާއި އެކަލާނގެ އަޅާއާ ދެމެދު ގާއިމުކުރެވޭނެ އެންމެ ރަނގަޅު ގުޅުން،“ ޝައިހް ވިދާޅުވި އެވެ.

ޝައިހް އިތުރަށް ވިދާޅުވީ، ޝައިތާނާ ބޭނުންވަނީ އިންސާނުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދަން ކަމަށެވެ. އެހެންވެ މީހަކު ތިމާއާ މެދު ނުބައިކޮށް އަމަލުކުރި ކަމުގައި ވިޔަސް އެ މީހަކާ މެދު ހެޔޮކޮށް ހިތުމަށް ގޮވައިލެއްވި އެވެ. އޭރުން އެކުވެރިކަން އުފެދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ތަގުވާވެރިވުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން ޝައިހް ވިދާޅުވީ ތަގުވާވެރިވުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއް ކަމާއި އެއީ އާހިރަތުގައި ސުވަރުގޭގެ މަތިވެރި ދަރަޖަތަކަށް ވާސިލުކޮށްދޭނެ ކަމެއް ކަމަށެވެ.

އަދި އިސްލާމް ކަމުގެ ދަރަޖަތަކުގެ ތެރެއިން އެންމެ މާތް މަތީ ދަރަޖައަކީ އިހުސާންތެރިވުން ކަމަށާއި އިހުލާސްތެރިންނަށް މަތިވެރިވެގެންވާ ސަވާބާއި ދަރުމަ ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހުތުބާގައި ވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި ތެދުބަސް ބުނުމަށާއި ދޫ ރައްކާތެރިކުރުމަށާއި މާތް ﷲ އަށް ޝިރުކު ނުކުރުމަށް ނަމާދަށް ރައްކާތެރިވުމަށާއި ޒަކާތް ދިނުމާއި ރޯދަ ހިފުމާއި ހައްޖުވުމުގެ މާތް ކަމާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވައިފަ އެވެ.

ހައްޖުގެ ހުތުބާ އިއްވުމަށް ފަހު، ހައްޖާޖީން ވަނީ މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް އަދި ގަސްރުކޮށްފަ އެވެ. އެއަށްފަހު މިއަދުގެ އިރު އޮއްސެންދެން ހައްޖުވެރިން އަރަފާތު ބިމުގައި ތިބުމަށްފަހު މިއަދުގެ އިރު އޮއްސުމާ އެކު، ހުރިހާ ހައްޖުވެރިން ވެސް ދެން ދަތުރު ފަށާނީ މުޒްދަލިފާ އަށް ދިއުމަށެވެ.