އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ މާތް الله އާއި އެކަލާނގެ ރަސޫލާގެ އެންގެވުންތަކާ ދުރުހެލިވުމާއި ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުން ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.
އީދު ހުތުބާގައި ބުނީ، މިއަދު އީދު ފާހަގަކުރާއިރު އިބްރާހިމްގެފާނާއި އިސްމާއިލްގެފާނު ވެވަޑައިގަތް މަތިވެރި ގުރުބާނީން އިބުރަތް ހާސިލުކުރާން ޖެހޭ ކަމަށާއި އެއީ މާތް ﷲ އަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެއް ކަމަށެވެ.
ހަމަ އެހެންމެ ކީރިތި ރަސޫލާގެ ސަހާބީންގެ ކުރިފުޅު މަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައި، ކިޔަމަންގަތީ އަދި އިސްލާމް ދީނަށް ފައުޖުފައުޖަށް މީސްތަކުން ވަނީ އެ ބޭކަލުންގެ މުއްސަނދިކަމަކުން ނުވަތަ އެ ބޭކަލުންގެ ހަށިކޮޅުތައް ވަރުގަދަކަމަކުން ނޫން ކަމަށާއި އެ ބޭކަލުންގެ އިހުލާސްތެރިކަމާއި ކިޔަމަންތެރިކަމުގެ ސަބަބުން ކަމަށް ހުތުބާގައި ބުންޏެވެ.
އީދު ހުތުބާގައި ބުނީ އިސްލާމް ދީން އައީ އަޅުކަމުގެ ތެރެއިން މި އުންމަތުގެ ހަރުދަނާކަމާއި އާރާއި ބާރު ހާމަކޮށްދޭން ކަމަށެވެ. އީދު ހުތުބާގައި ބުނީ ކޮންމެ ދުވަހަކު ފަސް ވަގުތެއްގައި މިސްކިތުގައި މުސްލިމުން އެއްވާ އެއްވުމުން ދޭހަވަނީ އެއް ހިސާބުގަނޑެއްގައި އުޅޭ މުސްލިމުންގެ ބާރު ކަމަށެވެ. ކޮންމެ ހުކުރު ދުވަހަކު ގާއިމުކުރެވޭ ހުކުރު ނަމާދުން މިއަށް ވުރެ ބޮޑު ޖަމާއާތެއް ފެންނާނެ ކަމަށާއި އީދު ނަމާދުން ރަށުގެ ގިނަބަޔެއްގެ ބޮޑު ބައްދަލުވުމެއް ފެންނަ ކަމަށް އީދު ހުތުބާގައި ބުންޏެވެ. ދެން ފެންނަނީ ހައްޖުގެ އެއްވުން ކަމަށާއި އެއީ ދުނިޔޭގެ މުސްލިމުން ތަމްސީލުކޮށްދޭ އެއްވުމެއް ކަމަށް ހުތުބާގައި ބުންޏެވެ.
”މުސްލިމް އަހުންނާއި އުހުތުންނޭވެ! މިއީ ހައްޖުގެ އެންމެ ބޮޑު ދުވަހެވެ. ދުނިޔޭގެ ކަންކޮޅުތަކުން އެތައް މުސްލިމުންނެއް އެއް ބިމެއްގައި މާތް الله ގެ އަމުރަފުޅަށް ބޯލަނބައި އެއްވެ ތިބޭ މި މަތިވެރި އެއްވުމަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި، މާތް الله ގެ ހަޒްރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ އާލަމީ ބައްދަލުވުމެކެވެ. ހައްޖުވެރީންގެ މި ބައްދަލުވުން ހިނގަމުންދާ އިރު މި އަދު ދުނިޔޭގެ ކަންކޮޅުތަކުގައިވާ މުސްލިމުން މާތް اللهއަށް ތަކުބީރުކިޔައި، ޢީދުނަމާދުކޮށް، އުލުހިޔާ ކަތިލާނެ އެވެ“ އީދު ހުތުބާގައި ބުންޏެވެ.
މިއަދަކީ ބަރަކާތްތެރި އަލްހާ އީދު ދުވަސް ކަމަށާއި މިއަދު ހައްޖުވެރީން މިނާއަށް ގޮސް ޖަމްރަތުލްއަގަބާއަށް ހިލަ އުކާނެ ކަމަށް ހުތުބާގައި ބުންޏެވެ. އެއަށް ފަހު ބޯ ބާލައި ނުވަތަ ބޯ ކޮށާނެ ކަމަށާއި އަދި ހަދުޔު ކަތިލައި، ތަވާފުލްއިފާޟާ ކުރާނެ ކަމަށް އީދު ހުތުބާގައި ބުންޏެވެ.
ހައްޖުގެ އަޅުކަމުން ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން إِبْرَاهِيْم عَلَيْهِ السَّلَامގެ ވާހަކަތައް ކަމަށް އީދު ހުތުބާގައި ބުންޏެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން إِسْمَاعِيْلُ عَلَيْهِ السَّلَام ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާ ކަމަށް ހުތުބާގައި ބުންޏެވެ.
އިސްލާމް ދީނުގެ ރޫހު ކަމުގައިވާ ތައުހީދުގެ ރަމްޒަކީ إِبْرَاهِيْم عَلَيْهِ السَّلَام ކަމަށާއި إِبْرَاهِيْم عَلَيْهِ السَّلَام، الله އަށް ޓަކައި އެ ކަލޭގެފާނުގެ ވަތަން ދޫކުރައްވައި ހިޖުރަކުރެއްވި ކަމަށް އީދު ހުތުބާގައި ބުންޏެވެ. ތައުހީދަށް ޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ނުރައްކާތަކަށް ހުށަހެޅުނު ކަމަށާއި އެކަލޭގެފާނު އަލިފާނަށް އެއްލައިލެވުނު ކަމަށް ހުތުބާގައި ބުންޏެވެ. މާތް الله ގެ ދައުވަތަށް ޓަކައި އެކަލޭގެފާނު އެއްވެސް ކަމަކަށް ޖެހިލުންވެވަޑައިނުގެން، ތައުހީދު ފެތުރުއްވުމުގައި ކުރިއަށް ވަޑައިގަތް ކަމަށާއި إِبْرَاهِيْم عَلَيْهِ السَّلَام އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން، ގުރުބާންކުރެއްވުމަށް މާތް الله ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވި ކަމަށް އީދު ހުތުބާގައި ބުންޏެވެ.
މި އީދުގައި އުޟްޙިޔާ ކަތިލުން ޝަރްއުކުރެވިފައި ވަނީ އެހެންވެގެން ކަމަށް އީދު ހުތުބާގައި ބުންޏެވެ. މި އީދުން އާ ސަފުހާއެއް ހުޅުވައިލައި، ތިމާގެ މުޅި ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހަދަން އީދު ހުތުބާގައި ބުންޏެވެ. އެއިރުން މުސްލިމުން އިއްޒަތްތެރި ބަޔަކަށް ވާނެ ކަމަށް އީދު ހުތުބާގައި ބުންޏެވެ.

ގުޅުންހުރި
މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެހީތެރިވުމަކީ ވާޖިބެކެވެ.
އީދު ދުވަހު މޯލްޑިވް ގޭސް ބަންދުވާނެ، ނަމަވެސް ހުސްފުޅި ގެނައުމުން ގޭސް
މާލެ ސަރަހައްދުގެ 4 ތަނެއްގައި 3 ދުވަސް ވަންދެން ކުލަގަދަކޮށް އީދު
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހު ސާލިހު އަމަލުތައް ގިނަކުރަން ޖެހޭ:
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ މި ދުނިޔޭގައި
އިލްމު އުނގެނޭށެވެ. އެހެނީ މަރުވުމަށްފަހުވެސް އުނގެނި، އަނެކާއަށް ފޯރުކޮށްދިން އިލްމުގެ ފައިދާ