ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް، އެކަން ނިމިއްޖެ: ރައީސް ވަހީދު

ވެރިކަމަށް ކުރިމަތިލެއްވުމުގެ ވިސްނުމެއް ނެތް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު އެހެން ވިދާޅުވީ، އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ޕްރެޒެންޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއްގައިތޯ ޕްރެޒެންޓަރު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ، އެ ދައުރު އެ މަނިކުފާނަށް ނިމިއްޖެ ކަމަށެވެ. އަދި އުއްމީދަކީ މި ސަރުކާރަށް އަދި ދެން އަންނަ ސަރުކާރަކަށްވެސް ވެދެވުނު އެހީތެރިކަމެއް ވެދިނުން ކަމަށް ވިދާޅުވި އެވެ.

”ނޫން، އަޅުގަނޑުގެ ވިސްނުމުގައި ނެތް އިންތިހާބަށް ކުރިމަތިލުމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ އެ ދައުރު ނިމިއްޖެ،“ ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު އެހެން ވިދާޅުވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއް އައި ނަމަ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިލައްވާނެ ކަމަށް އުންމީދު ކުރެއްވެވި ކަމަށް ކުރިން ވިދާޅުވި އެވެ.

ރައީސް ވަހީދަކީ 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު އާއެކު ރަނިންމޭޓޭއްގެ ގޮތުން ވާދަކުރައްވައިގެން ރައީސް ނަޝީދު އާއެކު ރާއްޖޭގެ ނައިބު ރައީސްކަން ކުރެއްވެވި ބޭފުޅެކެވެ. އެއަށްފަހު 2012 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން އެ ދައުރުގެ ބާކީ ބައި ރާއްޖޭގެ ވެރިއަކަށް ހުންނެވީ ރައީސް ވަހީދެވެ.