242 މީހުންނާއެކު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުން އެކަކުވެސް ސަލާމަތެއް ނުވި!

އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން ފުރި ވަގުތު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުގައި ތިބި އެކަކުވެސް ސަލާމަތްވެފައި ނުވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފި އެވެ.

ބޯއިން 787-8 ޑްރީމްލައިނާގެ އެ މަތިންދާބޯޓު ވެއްޓުނު އިރު، އެ ބޯޓުގައި ދެ ކެޕްޓަނުންނާއި 10 ކެބިން ކްރޫ އާއެކު އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހަކާއި ޕޯޗުގަލްގެ ހަތް މީހަކާއި ކެނެޑާއަށް ނިސްބަތްވާ މީހަކާއެކު ޖުމުލު 242 މީހުން ދަތުރުކުރި އެވެ.

އަހުމަދުއާބާދު ޕޮލިސް ކޮމިޝަނަރު އެމްއެސް މާލިކުއާ ހަވާލާދީ ދަ އެސޯސިއޭޓެޑް ޕްރެސް އަދި އަލްޖަޒީރާގެ އިތުރުން އިންޑިއަން އެކްސްޕްރެސް ފަދަ ނޫސްތަކުގައި ބުނެފައިވާ ގޮތުން ފްލައިޓް ވެއްޓުނު ހާދިސާގައި އޭގެން ދަތުރުކުރި އެންމެންވެސް ވަނީ މަރުވެފަ އެވެ.

ފްލައިޓު ވެއްޓުނު ހާދިސާ އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ އިން ތަހުގީގު ކުރަން ނިންމާފައިވާއިރު އެ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އަދި ޑިރެކްޓަރު އޮފް އިންވެސްޓިގޭޝަން އަހުމަދުއާބާދަށް ދަތުރުކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ މަތިންދާބޯޓު ވެއްޓުނު މަންޒަރުގެ ވީޑިއޯއެއް އާންމުވެފައިވާއިރު ފެންނަނީ ފްލައިޓް މައްޗަށް އަރަން ދިޔައިރު، މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި ހުޅުގަނޑު ފަޅައިގެންދާ ތަނެވެ. ބޯޓު ވެއްޓިފައިވަނީ ޑޮކްޓަރުންގެ ހޮސްޓެލްއެއްގެ މައްޗަށްވާ ގޮތަށެވެ.