ޖޫން 15, 2025

ކިބުރުވެރި ނުވެ، ހިތްތިރިކަމުގެ ސިފައިން ޒީނަތްތެރިވި މީހާގެ ދަރަޖަ މާތް ﷲ އުފުއްލަވައެވެ.

ތަވާޟުއުވެރިކަމުގެ ސިފައިން ޒީނަތްތެރިވި މީހާގެ ދަރަޖަ މާތް ﷲ އުފުއްލަވައި، އެ ސިފައިގައި ހިފަހައްޓައިފި މީހާއަށް އެކަލާނގެ އާހިރަތުގެ ގޮވަތީން ނިއުމަތާއި ބާއްޖަވެރިކަން ދެއްވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ތަވާޟުއުވެރިކަމަކީ ދަރަޖަ އުފުލިގެންވާ ކަމެކެވެ.“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ތަވާޟުއުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަން ކަމަށާއި މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވެ، ލިބިފައިވާ ޖާހާއި މާލުގެ ސަބަބުން ފަހުރުވެރި ނުވުން ކަމަށެވެ. އެއީ ނަބިއްޔުންގެ ހުލްގުފުޅެއް ކަމަށާއި މުއުމިނުންގެ ސިފައެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، މީހަކު، މާތް ﷲގެ ހަޒުރަތުގައި މަތިވެރި ދަރަޖަ އެދޭ ނަމަ އަދި މީސްތަކުންގެ މެދުގައި ގަދަރުވެރި މީހަކަށްވާން ބޭނުން ނަމަ، އެ މީހަކަށް އޮތީ ތަވާޟުއުވެރިވެ، ރިވެތި އަހުލާގުގައި ހިފެހެއްޓުން ކަމަށެވެ. އަދި އިސްލާމް ދީން ފެތުރެނީ މަޑުމައިތިރިކަމާއި ތަވާޟުއުވެރިކަމާއި އޯގާތެރިކަމުން ކަމަށްވެސް ބުންޏެވެ.

އެގޮތުން މާތް ނަބިއްޔާ މުސްލިމުންގެ ނިކަމެތިންނާއި ބަލި މީހުންނަށް ޒިޔާރަތްކުރައްވައި އެ މީހުން މަރުވުމުން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާ ކަމަށާއި އަދި ސަހާބީންގެ ކުޑަކުދީންނަށް ޒިޔާރަތް ކުރައްވައި އެ ކުދީންގެ ބޮލުގައި ފިރުއްމަވައި ހައްދަވާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، ތަވާޟުއުވެރިވާންވީ ކަންކަމުގެ ތެރޭގައި މާތް ﷲ އަމުރުކުރެއްވި ކަންތައްތައްކޮށް، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމާއި ހެދުންއެޅުމާއި ހިނގައި ބިނގައިވެ އުޅުން ހިމެނޭ ކަމަށެވެ. އެގޮތުން މިހާރަކަށް އައިސް ދެޖިންސުގެ މީހުން ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ، ނަން މަޝްހޫރު މީހުން ކޮޕީކުރުން އާންމު ކަމަކަށްވެފައިވާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، މަސައްކަތްތަކުގައި މީހުންނާ ބައިވެރިވެ، އެ މީހުންނަށް އެހީތެރިވުމުގައާއި ތިމާމެންގެ އަނބިދަރީންނާ މެދު ރަނގަޅު ގޮތުގައި މުއާމަލާތުކޮށް އެ މީހުންނަށް ގޭގެ މަސައްކަތުގައި އެހީތެރިވުމުގައި ވެސް ތަވާޟުއުވެރިވާންޖެހޭ ކަމަށެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް އޯގާތެރިވެ، އެ ކުދީންނާ ސަމާސާކުރުމުގައާއި ތިމާ ގެންގުޅޭ ނޯކަރުންނާމެދު މުއާމަލާތްކުރުމުގައި ވެސް ތަވާޟުއުވެރިވާންޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.