މާފުށި ކައިރިއަށް ޑައިވިނަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ، ޖަޕާނަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އެ ފަތުރުވެރިޔާ ގެއްލުނީ މާފުށީ ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބުމަށްފަހު ކަމަށެވެ. އޭނާ ޑައިވިނަށް ދިޔައީ މާފުށި ގެސްޓުހައުސްއެއްގެ ހަވާލުގައި ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް، މެރިޓައިމްޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ހެނދުނު 10:02 ހާއިރު ކަމަށެވެ.
އެއާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ޑައިވަރުންނާ އެކު ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ގޮސް ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އެމްއެންޑީއެފް އިން ބުނާ ގޮތުގައި ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަޅާފައި ހުރީ ކަޅު ކުލައިގެ ޑައިވިން ގިއަރެކާއި ހުދު ކުލައިގެ މާސްކެކެވެ.


