ޖޫން 16, 2025

ގިނަ އަދަދެއްގެ ފުލުހުން އުޅޭ ޖެމްކިއު ސްކީމް ހިންގާ ޕްރޮމޯޓްކުރާ މީހުން ހޯދައި ފިޔަވަޅު އަޅަނީ

ޖީއެމްސީއީ ނުވަތަ ޖެމްކިއު ސްކީމް ހިންގާ ޕްރޮމޯޓްކޮށް އޭގައި ބައިވެރިވުމަށް މީހުން ހޯދާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ދީފި އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖެމްކިއު ފަދަ އިންވެސްޓްމަން ސްކީމުތައް ހިންގަންވާނީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށް، ހުއްދަ ނަގައިގެން ކަމަށެވެ.

ނަމަވެސް ޖެމްކިއުގެ ނަމުގައި ހިންގާ ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށާއި އެހެންކަމުން އެ ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ފުލުހުން، ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުގެ އަލީގައި ޖެމްކިއުގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުކޮށްފައިވާ ކަމަށެވެ. އަދި އެ ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިފްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށްވެސް ބުންޏެވެ.

”ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން މި ފުރުސަތުގައި ހަނދާންކޮށްދެމެވެ،“ ބަޔާނުގައި ބުނެފައިވެ އެވެ.

އެބަޔާނުގައި އިތުރަށް ބުނީ، ސީއެމްޑީއޭ އާއި ފުލުހުން ގުޅިގެން އެ މައްސަލަ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސްކީމް ހިންގައި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.

ޖެމްކިއު ޕްރޮމޯޓް ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންނާއި ސީއެމްޑީއޭ އިން ބުނި އިރު، ޖެމްކިއުއަކީ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެގެން ކުޅޭ އެއްޗެެކެވެ. އެގޮތުން ފުލުހުންގެ އެންމެ އިސްވެރިންގެ އެ ސްކީމުގައި ބައިވެރިވެ ނަފާ ހޯދާކަން ’ހަފްތާ‘ އަށް އެނގިފައިވެ އެވެ.