ޖޫން 17, 2025

ޔުމްނުގެ ވެއްޓުނު މައްސަލައިގެ ތަހުގީގު ނިންމައި ރިޕޯޓު ރައީސްއަށް އަރުވައިފި

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ އިން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގައި ހަދާފައިވާ ގުދަނުގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.

ރިޔާސީ ކޮމިޝަނުން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ކޮމިޝަންގެ ރިޕޯޓް ރައީސްއަށް އަރުވާފައިވާކަން ހާމަކުރި ނަމަވެސް އެ ރިޕޯޓް ރައީސްއަށް އެރުވި ދުވަހެއް ހާމައެއް ނުކުރެ އެވެ.

ރިޔާސީ ކޮމިޝަނުން ވަނީ މި މައްސަލައިގެ ތަހުގީގަށް ޔުމްނު ވެއްޓުނުއިރު އޭނާއެކު އުޅުނު ރައުދު އަހުމަދު ޒިލާލްއާ ބައްދަލުކޮށް މައްސަލައާ ގުޅޭގޮތުން ސުވާލުކޮފައެވެ. އަދި ވަނީ ހާދިސާއާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކޮށްފައެވެ. އަދި ވަނީ މައްސަލައިގެ މައުލޫމާތު ހިއްސާކުރަން ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފަ އެވެ.

ޔުމްނު ވެއްޓުނުއިރު އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވައިފަ އެވެ. އޭނާ މިވަގުތު ހުރީ ބަންދުން ދޫކޮށްލައިފަ އެވެ. އޭނާ ބަންދުން ދޫކުރީ ބަންދުގައި ބަހައްޓައިފިނަމަ އަދަބަށްވުރެ ދިގު މުއްދަތެއްގައި ބަންދުގައި ހުންނަން ޖެހިދާނެތީ ޕްރޮސިކިއުޓާ ޖެނެރަލްގެ ލަފާގެ މަތިންނެވެ.