ޖޫން 18, 2025

ދާއޫދު ތަހުގީގަށް ދިނީ ދޮގު ބަޔާނެއް، އިހުސާނަށް ވެސް ގުޅި: ރިޔާސީ ކޮމިޝަން

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ އިން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގައި ހަދާފައިވާ ގުދަނުގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލައިގައި ދައުވާކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ އެއްބަނޑު އެއްބަފާ ބޭބެ، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދާއުދޫ އަހުމަދު، މައްސަލައިގެ ތަހުގީގަށް ދީފައިވަނީ ދޮގު ބަޔާނެއް ކަމަށާއި އޭނާ ވަނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނަށް ވެސް އެ މައްސަލައާ ގުޅިގެން ގުޅައިފައި ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފި އެވެ.

ރައީސް އޮފީހުން މިރޭ އާންމުކުރި އެ ރިޕޯޓުގައިވާ ގޮތުން ދާއުދޫ، ފުލުހުންނަށް ދިން ބަޔާނުގައި އޭނާ ބުނީ މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ފަރާތަކަށް ގުޅާފައިނުވާނެ ކަމަށެވެ. ދާއުދޫ ފުލުހުންނަށް ދިން ބަޔާނުގައާއި ކޮމިޝަނަށް ދިން ބަޔާނުގައި ފުށު އެރުންތަކެއް އެބަހުރި ކަމަށާއި އެހެންވެ އެއީ ދޮގު ބަޔާނެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައި ބުނީ ދާއޫދާއި އެ ދުވަހު ރައުދުއާ ދިމާވި ދާއޫދުގެ ރައްޓެހިންގެ ބަޔާންތަކުގައި ވެސް ފުށުއެރުންތަކެއް ހުރި ކަމަށާއި އެހެންވެ އެމީހުން ތަހުގީގަށް ކަމެއް ސިއްރުކުރާ ކަމަށް ބެލެވޭ ކަމަށެވެ. ޔުމްނު ވެއްޓުނު ފަހުން އޭނާ ހޯދަން ރައުދު މަސައްކަތްކޮށްފައިވާ ކަން ފުޓޭޖުތަކުން އެނގޭ ކަމަށާއި ނަމަވެސް، އޭގެ ފަހުން ދާއޫދާއި އޭނާގެ ރައްޓެހިންނާ ރައުދު ދިމާވި ފަހުން އެ ރޭގެ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް ރައުދު ބުނަމުން ގޮސްފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ޔުމްނު ވެއްޓުނު ހާދިސާއަށް ފަހު ރައުދުއާއި ދާއޫދު ބައްދަލުވެފައިވާ ކަމަށާއި އެހެންވެ ޔުމްނު ވެއްޓުނު ވާހަކަ ދާއުދަށް، ރައުދު ކިޔައިދޭނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.

އެހެންވެ، ރައުދުއާ އެއްވަރަށް އެކަން ކަމާ ބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދާއި ރައްޓެހިންގެ ބައިވެރިވުން ހިމެނޭކަމަށް ފެންނާތީ، އެ ކަން އިދާރާތަކުން އިތުރަށް ތަހުގީގު ކުރަން ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.