ޖޫން 21, 2025

ހިޖުރައިން ލިބޭ ފިލާވަޅަކީ ދަތި އުނދަގޫތަކުގައި އީމަންކަންމަތީ ތިބިމުގެ މުހިންމުކަން: ހުތުބާ

ހިޖުރައިގެ ދަތުރުފުޅުން ލިބިދޭ ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ތިބުމުުގެ މުހިންމުކަން ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނީ ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައިވަނީ، مُحَمَّد رَسُوْلُ الله މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މަތިވެރި ހާދިސާއަށް ކަމަށެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ހާދިސާ ކަމަށް ހުތުބާގައި ބުންޏެވެ. اللهގެ މަގަށް ގޮވައިލައްވާން، އެ ކަލޭގެފާނު މައްކާގައި ތޭރަ އަހަރު ހުންނެވުމަށް ފަހު، އެ ރަށުގެ އަހުލުވެރީންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލާން އެބައިމީހުން ދިޔައީ ރާވަމުން ކަމަށް ހުތުބާގައި ބުންޏެވެ. އެ ހިނދު މާތް اللهގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި އެވެ. އެ ހިސާބުން ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅުނު ކަމަށް ހުތުބާގައި ބުންޏެވެ.

ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް އިބުރަތްތަކަކާއި ދަރުސްތަކެއްވާ ކަމަށާއި ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ، ދީނަށް ޓަކައި ގުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށް ހުތުބާގައި ބުންޏެވެ.

”ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާ އެކު ދެމިތިބޭނޭކަމުގެ ފިލާވަޅެވެ. ރަސޫލާއާއި އަބޫބަކުރުގެފާނު ޘައުރުފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު، އަބޫބަކުރުގެފާނު ރަސޫލާ އަށް ދެންނެވި އެވެ. އޭ اللهގެ ރަސޫލާއެވެ! މައްކާގެ މުޝްރިކުންގެ މީހަކު ގުދުވެ އެ މީހުންގެ ފައިތިލަދަށަށް ބަލައިލިޔަސް ތިމަންބޭކަލުން ފެންނާނެ އެވެ. އެ ހިނދު ރަސޫލާ ހަދީސްކުރެއްވި އެވެ. (يَا أَبَا بَكْرٍ، مَا ظَنُّكَ بِاثْنَيْنِ اللَّهُ ثَالِثُهُمَا؟) މާނައީ: ”އޭ އަބޫބަކުރުގެފާނެވެ! އެ ދެ ފަރާތަކާ އެކު ތިން ވަނައަށް ﷲ ވޮޑިގެންވާ ބަޔަކާ މެދު ކަލޭގެފާނު ދެކެވަޑައިގަންނަވަނީ ކިހިނަކުންތޯއެވެ؟“ މި ފަދަ ބަސްފުޅުތަކުން ޢިބުރަތް ލިބިގަނެ، ހުރިހައި ވަގުތެއްގައި ވެސް އިސްލާމްދީންމަތީގައި ތެދުވެރިކަމާ އެކު ތިބުމަށް އަޒުމުކަނޑައަޅައި ތިމާގެ އުހުރަވީ ހަޔާތް ބާއްޖަވެރިކުރެވޭތޯ މަސައްކަތްކުރާށެވެ“ ހުތުބާގައި ބުންޏެވެ.

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ހަމަޖައްސައިފައިވުން ކަމަށް ހުތުބާގައި ބުންޏެވެ. ހިޖުރައިގެ ދަތުރުފުޅުގެ މަސައްކަތްތައް ވަނީ ވަރަށް ފުރިހަމައަށް ބަހައިލެވިފައި ކަމަށާއި އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރީން ސިއްރިޔާތުގައި ދަތުރުފުޅުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވުން ކަމަށާއި ހަމަ އެ ފަދައިން ހިޖުރައަށް ނުކުމެވަޑައިގަންނަވާ ރޭގައި އަލީގެފާނު ކީރިތި ރަސޫލާގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވި ކަމަށް ހުތުބާގައި ބުންޏެވެ.

ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ، އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވީ ރަށާއި، އާއިލާގެ ބޭފުޅުން، އިސްލާމްދީނުގެ ދިފާއުގައި ދޫކުރައްވައިފައި ކަމަށް ހުތުބާގައި ބުންޏެވެ. ހުތުބާގައި ބުނީ ފެށޭ ހަފުތާއަކީ ހިޖުރީ އާ އަހަރެއް ފެށޭ ހަފުތާއަށް ވާތީ، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންޖެހޭ ކަމެއް ކަމަށެވެ. ހުތުބާގައި ބުނީ ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާފުޅާ މާނައެއް އޮތް ކަމެއް ކަމަށާއި ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް ހުތުބާގައި ބުންޏެވެ.