ޖޫން 22, 2025

ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި

ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކަކާ ގުޅިގެން މީގެ ކުރިން ސްކޭމް ހިންގުމުގެ ރިކޯޑު އޮތް ގ. ސިނަމާލެ 1 05-13، ޒައިދާން މުހައްމަދު ހާޝިމް (28އ) އާއި އޭނާގެ އަންހެނުން ކަމަށްވާ އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) ހައްޔަރުކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މީހުން މިއަހަރުގެ މޭ މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލައެއް މެއި 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

”މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން ޒައިދާން މުހައްމަދު ހާޝިމް، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވެ އެވެ. އަދި އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވެ އެވެ. އަދި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި މި ތަކެތި ފެނިފައިވެ އެވެ.“ ފުލުހުން ބުންޏެވެ.

”މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިބެލުމުން، ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36،467 ރުފިޔާގެ ތަކެތި ހުޅުމާލޭގައި ހުންނަ ފިހާރައިން މަކަރާއި ހީލަތުން ހޯދާފައިވާކަމާއި މާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން 31،150 ރުފިޔާގެ ތަކެތީގެ އިތުުރުން މާލޭގައި ހުންނަ އެހެން ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 5،817 ރުފިޔާގެ ތަކެތި ހޯދާފައިވާކަން އެނގިފައިވެ އެވެ“

ފުލުހުން ބުނީ ޒައިދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން އަކްތަރު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ޒައިދާންގެ މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ދަނީ ކުރަމުންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.