އިރާން-އިޒްރޭލް ހަނގުރާމައަށްވުރެ ބޮޑު ގެއްލުމެއް ލިބޭނީ އެމްޑީޕީގެ ސަބަބުން: ފަލާހު

އިރާން-އިޒްރޭލް ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުމެއްވުރެ ބޮޑު ގެއްލުމެއް ރާއްޖެއަށް ލިބޭނީ އެމްޑީޕީގެ ސަބަބުން ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް އިރާން-އިޒްރޭލް ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުންތައް ބެލުމަށް ގޮވާލައި އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހަލާކުރަން ކަމަށެވެ.

”އެމްޑީޕީއަކީ މި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ. އެމްޑީޕީއަކީ އެންމެ ގިނައިން ދައުލަތުން އާމްދަނީ ވެސް ލިބޭ ޕާޓީ އަދި އެ ފައިސާއަށް ވާ ގޮތެއް ނޭނގުނަސް. އެހެންނަމަވެސް ހިތާމައެއް އެބައޮތް އިއްޒަތްތެރި ރައީސް. ހިތާމައަކީ މި ހަނގުރާމައަށްވުރެ، މި ގައުމަށް އެމްޑީޕީގެ ފަރާތުން ލިބޭ ގެއްލުން ބޮޑުކަން“ ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ރާއްޖެއަށް ޔޫރަޕުން ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނައިރު އެމްޑީޕީން ވަނީ ޔޫރަޕަށް ގޮސް ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލައިފައި ކަމަށެވެ.

ސަރުކާރުން މިހާރު ވެސް ދަނީ މެދުއިރުމަތީގެ ހާލަތު މޮނިޓާކޮށް، ރާއްޖެއަށް ގެއްލުންނުވާނެހެން ކަންތައްތައް ތަރުތީބު ކުރަން މަސައްކަތް ކުރަމުން ކަމަށް ފަލާހު ވިދާޅުވި އެވެ.