ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ގާއިމުކުރަން ސްރީ ލަންކާއާ އެކު އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ގާއިމުކުރަން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އަންނަނީ މަޝްވަރާކުރަމުންނެވެ.
ނަމަވެސް އެ ވާހަކަ ދޮގުކުރައްވައި ސައީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ގާއިމުކުރަން ދިވެހިސަރުކާރުން މަސައްކަތްކުރާ ވާހަކައަކީ ރަނގަޅުވާހަކައެއްނޫން. އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާކަމެއް ވެސް ނޫން” ކަމަށެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މަޝްވަރާގެ ކަންކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ އަންނަ މަހު ރާއްޖެ ވަޑައިގަންނަވަން ވެސް ވަނީ ހަމަޖެހިވަޑައިގެންފަ އެވެ.



