ޖުލައި 1, 2025

5 އަހަރު ފަހުން ލިބުނު ދަރިފުޅު މަރުވީ އައިޖީއެމްއެޗުގެ އިހުމާލުން؟ މައްސަލަ ބަލަނީ

އައިޖީއެމްއެޗުގެ އިހުމާލުން އަށް މަހުގެ ކުއްޖަކު މަރުވި މައްސަލައެއް އެ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.

ސޯޝިއަލް މީޑިއާގައި މަރުވި ތުއްތު ކުއްޖާގެ އާއިލާ މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އަށް މަހުގެ އެ ކުއްޖާ އައިޖީއެމްއެޗަށް ގެންދިޔައީ ރޯގާގެ އަލާމާތްތަކެއް ފެނުމާ ގުޅިގެން ކަމަށެވެ. އާއިލާއިން ބުނީ ކުއްޖާއަށް ފުުރަތަމަ ތިން ދުވަހު އައިޖީއެމްއެޗުން ދިން ފަރުވާގެ ސަބަބުން އެ ކުއްޖާ ވަރަށް ގަދަޔަށް ހުން އައިސް ވަރަށް ބޮޑަށް ފުފުނު ކަމަށެވެ.

ކުއްޖާ ހުން އައިސްފަ އެހާބޮޑަށް ފުފެނީ އިންފެކްޝަނެއްގެ ސަބަބުން ކަމަށް ޑޮކްޓަރުން ބުނި ކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް އިންފެކްޝަން އުފެދެން ދިމާވި ސަބަބެއް ހޮސްޕިޓަލުން ސާފުކޮށްނުދޭ ކަމަށް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ ތިން ދުވަސް ފަހުން ކުއްޖާގެ ހާލު ރަނގަޅުވާން ފެށި ކަމަށާއި ކުއްޖާގެ ރަނގަޅުވާން ފެށުމުން ކުއްޖާ ފުފުނީ ލިވާ އެންޒައިމް މަތިވެގެން ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ. ކުއްޖާގެ ހާލަތު އެހާ ދަށްވެގެން ދިޔައިރު ވެސް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކުއްޖާ ބެލުމަށް އައިސްފައިނުވާ ކަމަށް އާއިލާއިން ބުންޏެވެ.

ސްޕެޝަލިސްޓް ޑޮކްޓަރަކު ކުއްޖާ ބެލުމަށް ނާންނަނީ ކީއްވެގެންތޯ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ހޮސްޕިޓަލުން ދީފައިނުވާ ކަމަށް އާއިލާއިން ބުންޏެވެ. ހޮސްޕިޓަލުން ކުރި ހަމައެކަނި ކަމަކީ ކޮންމެ ދުވަހެއްގެ ހެނދުނު އެ ކުއްޖާގެ ވިންދު ބެލުން ކަމަށް އާއިލާއިން ބުންޏެވެ.

އާއިލާއިން އެތަކެއް ޝަކުވާއެއް ކޮށްގެން ކުއްޖާ އެޑްމިޓް ކުރިތާ ފަސް ދުވަސް ފަހުން ސްޕެޝަލިސްޓް ޑޮކްޓަރެއް އައިސް ކުއްޖާގެ ހާލު ބެލި ކަމަށް އާއިލާއިން ބުންޏެވެ. ކުއްހާ ބެލުމަށްފަހު ވަގުތުން ރާއްޖެއިން ބޭރަށް ފުރުމަށް އެންގި ކަމަށް އާއިލާއިން ބުންޏެވެ.

ނަމަވެސް އެއީ ހިޖުރީ އާ އަހަރު ފާހަގަކުރާ ދުވަހަށް ވުމުން އެ ދުވަހު ސަރުކާރު ބަންދުވުމުން އާސަންދަ އަދި އެންސްޕާގެ ފަރާތުން ލިބެން ޖެހޭ ހިދުމަތްތައް ހޯދުމުގައި ލަސްތަކެއް ދިމާވި ކަމަށް އާއިލާއިން ބުންޏެވެ. އެކަމުގެ ނަތީއްޖާއަކަށްވީ ކުއްޖާ އެނދުމަތިކުރިތާ ހަވަނަ ވަނަ ދުވަހު ކުއްޖާ ދުނިޔެއާ އަލްވަދާއު ކިޔުން ކަމަށް އާއިލާއިން ބުންޏެވެ.

ކުއްޖާ މަރުވުމުން ވެސް އާއިލާގެ ނުރުހުމުގައި ކުއްޖާއަށް ސީޕީއާރް ދިނުމުގެ ސަބަބުން ކުއްޖާގެ ކަންފަތާއި އަނގައާއި ނޭފަތުން ލޭއައި ކަމަށް އާއިލާއިން ބުންޏެވެ.

މިއީ އެތައް ވޭނެއް ތަހައްމަލުކޮށްގެން، ލިބުނު އަލަތު ފިރިހެން ތުއްތު ދަރިފުޅު ބައެއްގެ އިހުމާލުން މަރުވެދިޔަ ގޮތް ކަމަށް އާއިލާއިން ބުންޏެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އެ ހޮސްޕިޓަލުން ދަނީ އެ މައްސަލަ ބަލަމުން ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އެ ހޮސްޕިޓަލުން ނުދެ އެވެ.