ނެޓްފްލިކްސް އިން މުޅިން އަލަށް ސްޓްރީމް ކުރަން ފެށި ޝޯ، ”އޯލް ދަ ޝާކްސް“ގެ ފުރަތަމަ އެޕިސޯޑު ފުވައްމުލަކު ސިޓީގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ އަށް ހާއްސަކޮށްފިއެވެ.
ދުނިޔޭގައި ފެމުނުމިޔަރުގެ އެންމެ ބޮޑު އާބާދީއެއް އޮތް ފުވައްމުލަކުގެ ”ޝާކް ޕޮއިންޓް“ އަކީ ފަތުރުވެރިންނަށް ވަރަށް މަގުބޫލު ތަނެކެވެ. އަދި އެއީ މިހާރު މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ މިޔަރު ޕޮއިންޓެކެވެ.
ނެޓްފްލިކްސްގެ ”އޯލް ދަ ޝާކްސް“އަކީ މިޔަރުގެ ފޮޓޯ ނެގުމުގެ މުބާރާތެއް ދައްކާ ޝޯއެކެވެ. އެ މުބާރާތުގެ އެއްވަނަ ހޯދާ ޓީމަށް 50،000 ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވާ އިރު، އިނާމެއްގެ ގޮތުގައި ލިބޭ އެ ފައިސާ ޗެރިޓީއަކަށް ހަދިޔާކުރާނެއެވެ.
https://www.youtube.com/watch?v=PCemp1-vDjE
ނެޓްފްލިކްސް އިން އިއްޔެ ފެށި ”އޯލް ދަ ޝާކްސް“ގެ ފުރަތަމަ އެޕިސޯޑު ފެށިގެންދިޔައީ ފުވައްމުލަކުގެ ރީތި ގޮނޑިދޮށްތަކުގެ މަންޒަރުތަކާއެކުއެވެ. އޭގެ އިތުރުން އެ ސަރަހައްދުގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ވެސް އެ އެޕިސޯޑުގައި ވަނީ ދައްކާލައިފައެވެ.
ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެ ރަށް އިޝްތިހާރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އެ ޝޯގައި ފުވައްމުލަކު ފީޗާކުރުމުގައި އަހުމަދު އިނާހުއަށް ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިނާހަކީ ޑައިވިންގެ ދާއިރާގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުރި ފަރާތެކެވެ. ފުވައްމުލަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ޑައިވިންގެ ހިދުމަތްދޭ ”ޕެލަޖިކް ޑައިވާސް“ ހިންގަނީ ވެސް އިނާހުއެވެ.



