ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ނުވަވަނަ އެޑިޝަން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18 އިން 20 އަށް އަވަށްޓެރި ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ބޭއްވުމަށް ނިންމައިފިއެވެ.
ފާއިތުވި އަހަރުތަކުގައި ސަޓާ ވަނީ ދެކުނު އޭޝިއާގެ މަޝްހޫރު މަންޒިލުތަކުގައި ބާއްވައިފައެވެ. އޭގެ ތެރޭގައި މައުންޓް ލަވީނިއާ، ގޯލް ސިޓީ، ބެންގަލޫރު، މުމްބާއީ، އައްޑޫ ސިޓީ، ކަތަމަންޑޫ އަދި މާލެ ހިމެނެއެވެ.
ސަޓާ އިންތިޒާމުކުރާ ހައިރަޒުން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ އެޑިޝަން ވެސް ވެގެންދާނީ ދެކުނު އޭޝިއާގެ ޓޫރިޒަމް އެކްސްޕާޓުން އަދި ދާއިރާގެ މަސައްކަތްތެރިންނާއި މައި ހިއްސާވެރިން އެއް ފުރާޅެއްގެ ދަށުން ބައްދަލުވާނެ އިވެންޓަކަށް ކަމަށެވެ.
މިއަހަރު ސަޓާގައި ދެކުނު އޭޝިއާގެ ހަ ގައުމަކުން ގިނަ އަދަދެއްގެ ޓޫރިސްޓު ފެސިލިޓީތަކާއި ވިޔަފާރިތަކުން ބައިވެރިވެފައިވެއެވެ. ރިސޯޓުތަކާއި ހޮޓާ އަދި ގެސްޓްހައުސްގެ އިތުރުން އެއާލައިންތައް ހިމެނޭހެން މިއަހަރުގެ އެވޯޑަށް 500 އަށްވުރެ ގިނަ ނޮމިނޭޝަން ލިބިފައިވާ ކަމަށް ހައިރައިޒުން ބުންޏެވެ.
ސަރަހައްދީ ފެންވަރުގައި ސަޓާ އިތުރަށް މަގުބޫލުވަމުން އަންނަ އިރު، 18 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ޖަމިއްޔާތަކާއި ބޯޑުތަކުން މިހާރު މި އެވޯޑު ޕްރޮމޯޓު ކުރެއެވެ. އޭގެ ތެރޭގައި ސްރީލަންކާ ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯ (އެސްއެލްޓީޕީބީ) ސްރީލަންކާ އެސޯސިއޭޝަން އޮފް އިންބައުންޑް ޓުއާ އޮޕަރޭޓާސް (އެސްއެލްއޭއައިޓީއޯ) އަދި ދަ ހޮޓެލްސް އެސޯސިއޭޝަން އޮފް ސްރީލަންކާ (ޓީއެޗްއޭއެސްއެލް) ހިމެނެއެވެ.
ސްރީލަންކާގެ ކޮލޮމްބޯއާއި އިންޑިއާގެ ބެންގަލޫރާއި ނިއު ދިއްލީގެ އިތުރުން، ނޭޕާލުގެ ކަތުމަންޑޫގައި ވެސް ސަޓާގެ އިވެލުއޭޝަން ވަނީ ބާއްވައިފައެވެ. އެއަށްފަހު ބުޓާންގެ ޕާރޯއާއި، މި ސަރަހައްދުގެ އިތުރު ސިޓީތަކުގައި ވެސް އިވެލުއޭޝަން ބާއްވާނެއެވެ.
ވަނަވަނައަށްދާ ފަރާތްތައް އިއުލާންކުރުން އޮންނަނީ، އެ ހަފުލާގައި ވިޔަފާރީގެ އިސްވެރިންނާއި، ސަރުކާރުތަކުގެ ބޭފުޅުންނާއި، ބައިނަލްއަގުވާމީ މީޑިއާގެ ހާޒިރުގައެވެ.
ސަޓާއަކީ ދެކުނު އޭޝިއާގެ އެކި ހިސާބުތަކަށް ސީދާ ގޮސްގެން އިވެލުއޭޝަންތައް ކުރިއަށްގެންދާ ހަމައެކަނި ދަތުރުފަތުރުގެ އެވޯޑެވެ. މި އެވޯޑުގައި ބައިވެރިވުމަށް ނުވަތަ އިވެލުއޭޝަން ޕްރޮސެސްއަށް އެއްވެސް ފީއެއް ވެސް ނުނަގައެވެ.
ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި ސަޓާ ވަނީ، ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާއަށް ކޮށްފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކުރާ އެންމެ އިސް އެއް ޕްލެޓްފޯމަށް ވެފައެވެ.

ގުޅުންހުރި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި