ޖުލައި 7, 2025

ކައުންސިލުތަކުގެ އާ އިމާރާތް ހަދަން ހަވާލުކުރިތާ ހަ މަސްތެރޭ އެއްބަސްވުން ބާތިލުކޮށްފި

ރާއްޖޭގެ 55 ކައުންސިލެއްގެ އާ އިމާރާތް ހަދަން ހަވާލުކުރިތާ ހަ މަސްތެރޭ، މެލޭޝިއާގެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފިއެވެ.

ރާއްޖޭގެ 55 ކައުންސިލެއްގެ އާ އިމާރާތް ހަދަން ސަރުކާރުން ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއާއެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ ޖެނުއަރީ 20 ގައެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރީ ކައުންސިލުތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމަށެވެ. އަދި އެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ކުންފުންޏަށް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކައުންސިލް އިމާރާތް ހެދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މި މަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން 100 ރަށެއްގެ ކައުންސިލުގެ އާ އިމާރާތް ހެދުމުގެ މަސައްކަތް ފެށޭނެކަން އެ މަނިކުފާނު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައެވެ. އެ ޖަލްސާގައި އެ މަނިކުފާނު ވަނީ، މި ދައުރުގެ ތެރޭގައި އެ އިމާރާތްތަކުގެ މަސައްކަތް ނިންމަވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފައެވެ.