ވަގު ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލޭ ފޭސް ދޭކުން ގޯއްޗެއް ހޯދަން އުޅުނު މައްސަލައިގައި ތުހުމަތުކުރެވޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދު އެ މަގާމުން ވަކިކޮށްފި އެވެ.
ވަގު ގޯތީގެ މައްސަލަ ފެންމަތިވި ދުވަސް ކަމަށްވާ 19 ޑިސެންބަރު 2024 އިން ފެށިގެން ފަޒީލް މިހާތަނަށް ހުންނެވީ ސަސްޕެންޝަންގަ އެވެ. ނަމަވެސް އޭނާއަށް ގަވާއިދުން މުސާރަ ދެމުން ދިޔަ އެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ ފަޒުލް މަގާމުން ވަކިކުރަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީން ބުނީ ފަޒީލުގެ މައްޗަށް ކުރިއަށް ގެންދާ ތަހުގީގާ އެކު އިސް މަގާމެއްގައި މުސާރަޔާ އެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށެވެ.
މި ވަގު ގޯތީގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފަޒީލްގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފަ އެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ ފަޒީލްގެ ޕާސްޕޯޓު ދޫކޮށްލަައިފ އެވެ.
ފަޒީލަށް ތުހުމަތުވާ ވަގު ގޯތީގެ މައްސަލަ ފެންމަތިވީ ފަޒީލް ހުށަހެޅި ބިމުގެ ވަށާފާރު ރޭނުމަށް އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކުވެސް ހުށަހެޅުމުންނެވެ. އެހެންވެ އެ ގޯތި ލިބިފައިވަނީ ކާކަށްތޯ ބެލުމަށް އެޗްޑީސީން 24 ޖުލައި 2024 ގައި ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވި އެވެ.
އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން 15 އޮގަސްޓް 2024 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ގޯތީގެ ފާރު ރޭނުމަށް އެދިފައިވާ ދެ މީހުންނަކީވެސް ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދިފައިވާ ބައެއް ނޫން ކަމަށެވެ. އަދި ފާރު ރާނަން އެދިފައިވާ ގޯއްޗަކީ މިނިސްޓްރީން އެއްވެސް މީހަކާ ހަވާލުކޮށްފައިނުވާ ގޯއްޗެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީން އެ ޖަވާބު ދިންތާ ފަސް މަސް ފަހުން އިއްޔެ އެ ލިޔުންތައް ސޯޝަލް މީޑިއާގައި އާންމުވެ، ޝަކުވާ ބޮޑުވުމުން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.
ފަޒީލްގެ މައްސަލަ އޭސީސީން ވެސް ތަހުގީގުކުރާއިރު އެ ކޮމިޝަނުން ވެސް އެ މައްސަލައިގެ ތަފުސީލެއް ނުވަތަ ތަހުގީގު ގޮސްފައިވާ ހިސާބެއްގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ފަޒީލަށް ގޯތި ލިބުނުއިރު އޭނާއަކީ މާލެއިން ގޯއްޗެއް އޮންނަ މީހެކެވެ. އެކަން އެނގުނީ ސިވިލް ކޯޓުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނިންމި ތަރިކައިގެ މައްސަލައަކުންނެވެ.
ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް އަށް ވަނީ އެ ދެ ބޭފުޅުންގެ ބައްޕަގެ ތަރިކައިން މ. ޒޭވަރުގެއިން ބައެއް ލިބިފަ އެވެ. ސިވިލް ކޯޓުގެ ހުކުމްގެ އެނގޭ ގޮތުގައި އެއީ 2،000 އަކަފޫޓްގެ އެ ގޯތި ބަހައިފައިވަނީ އަށް ބަޔަށެވެ.
ތަރިކަ އިން ފަޒީލަށް ލިބުނު ބިމުގެ އިތުރުން، އޭނާގެ މަންމަ ވަނީ ޒޭވަރުގޭގެ އެއް ބައި ފަޒީލަށް ހިބަކޮށްދީފައި ކަން ވެސް ސިވިލް ކޯޓުގެ ހުކުމުން އެނގެ އެވެ. އޭގެފަހުން ފަޒީލް ވަނީ ތަރިކައިން އޭނާއަށް ލިބިފައި އޮތް ބައިގެ ދެބައިކުޅަ އެއް ބައި އަނބިމީހާއަށް ހިބަކޮށްދޭން ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
ސިވިލް ކޯޓުން ވަނީ މިދިޔަ މަހު ފަޒީލް އެދުނު ގޮތަށް އަނބިމީހާއަށް އެ ބިން ހިބަކޮށްދީ، އޭނާގެ ނަން މައްޗަށް ބަދަލުކޮށްފަ އެވެ.

ގުޅުންހުރި
ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ކަނޑުގެ 33 ފޫޓު އަޑިން ފެނިއްޖެ
ރިސޯޓެއްގެ ފުއްޓަރު ފަރާތަށް ފީނަން އެރި އުޅުނު އެމެރިކާގެ ޓޫރިސްޓަކު މަރުވެއްޖެ
ޑިންގީ އެއްގައި ދަތުރުކުރަން ނުކުތް ޒަކަރިއްޔާ އަދިވެސް ނުފެނޭ
ކަޅު ބާޒާރުގައި ޑޮލަރު އަގު 20 އަރައިފި
ޒުވާނުންނަށް ކުރާ ހޭދަ އިތުރުކުރަން ރައީސް ގޮވާލައްވައިފި
ޖުވާގެ ފައިސާ އިން ހަރަދުކުރާ މީހަކު ސުވަރުގެއިން މަހުރޫމުވެ، ނަރަކަވަންތަވެރި ވެދާނެ