މިމަހުން ފެށިގެން ބޭރު ގައުމުތަކުގެ ދަރިވަރުން އަތުން މެލޭޝިއާ އިން ނަގާ ޓެކްސްއާ ގުޅިގެން، އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް، ޓެކްސް ފައިސާ ހަމަޖައްސައިދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިމަހުން ފެށިގެން މެލޭޝިއާ އިން ނަގަނީ، ބޭރު ގައުމުތަކުގެ ދަރިވަރުން ދައްކާ ކޮލެޖު ފީ އިން ހަ ޕަސަންޓުގެ ޓެކްސްއެކެވެ. އެ ޓެކްސް ދައްކަން ޖެހެނީ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ފުުރުސަތުދޭ އަމިއްލަ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކުންނެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ފޮނުވަމުންދާ ކަމަށެވެ.
މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީއެއް ދައްކަން ޖެހޭ ކުދިންގެ އަތުން އަލަށް ނަގަން ހަމަޖެއްސި ޓެކްސް ވެސް ސްކޮލާޝިޕްގައި ތިބި ދިވެހި ކުދިންގެ އިންވޮއިސްގައި ހިމެނިގެން ލިބުމުން އެ ފައިސާ ގެންދާނީ ދޫކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ސަރުކާރުން ލޯނު ނަގައިގެން މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރުންނަށް ވެސް އެ ޓެކްސްގެ ކަންކަން ހަމަޖައްސައިދޭން މަސައްކަތްކުރަމުންދާ ކަމަށެވެ.
މެލޭޝިއާ އިން ގެނައި އެ ބަދަލާއެކު، ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް ކަނޑައަޅާފައިވާ ތައުލީމީ މަރުކަޒުތަކާއި ބޭރުގެ ދަރިވަރުންނަށް ފުރުސަތުދޭ ހުރިހާ ތައުލީމީ މަރުކަޒުތަކަށް ވަނީ އެ ޓެކުހަށް ރަޖިސްޓްރީކުރުން މަޖުބޫރުވެފައެވެ.



