މޯލްޑިވްސް ނޭޝަނަލް ސާވިސް ނުވަތަ ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ހުޅުވާލި ފުރުސަތުގައި 1244 ޒުވާނުން ކުރިމަތިލައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން، ޑިފެންސް މިނިސްޓްރީގެ ދަށުން ކުރިއަށްގެންދާ ދިވެހި ވަތަނީ ހިދުމަތުގެ އަމާޒަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕްރޮގްރާމުގެ ދަށުން ތަމްރީނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ 1244 ޒުވާނުންގެ ތެރެއިން ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށް ވެސް ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ދިވެހި ވަތަނީ ހިދުމަތަށް މިހާރު ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓު ތަރުތީބުކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެން ކަމަށާއި ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީނު ފެށޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުގެ ތަމްރީނަށް އެޕްލައިކޮށްފައިވާ ކޮންމެ ޒުވާނަކަށް ވެސް ތަމްރީނު ޖާގަ ލިބިފައިވާ ގޮތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުންގެންދާނެ ކަމަށެވެ.
ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓް ލިސްޓުކުރެވިފައިވާ ފަރާތްތަކާއި ފުރަތަމަ ބުރުގެ ރިޒާވް ކެންޑިޑޭޓުންގެ ގޮތުގައި ޝޯޓްލިސްޓު ކުރެވިފައިވާ ފަރާތްތަކަށް ސިލެކްޝަން ޕްރޮސެސްއާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ޕްރޮގްރާމުގެ ތަމްރީނުގެ ސިލެކްޝަން ޕްރޮސެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ކެންޑިޑޭޓަކަށް އެންމެ ފަސޭހަ ސްޓޭޝަނަކަށް ހާޒިރުވެ ސިލެކްޝަން ޕްރޮސެސްގެ ކަންކަން ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި
ރާއްޖޭގައި ތިބި އިންޑިއާގެ ”މަދަނީ“ މީހުންގެ ތަފުސީލުތައް ހާމަކުރަން ޑިފެންސަށް އަންގައިފި
ދިވެހި ސިފައިންގެ އަތަށް ޑޯނިއާ ދުއްވަން ނުދޭ ސަބަބުން ސިއްރުކުރަން ޑިފެންސުން
ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރަނީ
ސިފައިންގެއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި