ޖުލައި 12, 2025

ހިޖާމާ ޖަހައިގެން ބަރުދަން ލުއިކޮށްދޭނެ ކަމަށް ބުނި މައްސަލަ ބަލަނީ

ހިޖާމާ ޖަހައިގެން ބަރުދަން ލުއިކޮށްދޭނެ ކަމަށްބުނެ ފަޒީސް ހިޖާމާ ކްލިނިކުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި މައްސަލަ ބަލަން ފަށައިފިއެވެ.

ފަޒީސް ހިޖަމާ ކުލިނިކުން މިއަދު ފޭސްބުކުގައި ކުރި އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ހިޖާމާގެ އެންމެ ސެޝަނަކުން 3-4 ކިލޯ ލުއިކޮށްލެވޭނެ ކަމަށާއި ބަރުދަން ލުއިކުރަން ޑައިޓް ކުރުމާއި ކަސްރަތުކޮށް އަދި ދުވަން ކޮންމެެހެން ދާކަށް ނުޖެހޭނެ ކަމަށެވެ.

އެންމެ ކިލޯއެއް ވެސް ލުއި ނުވެއްޖެއްޔާ، 1000 ރުފިޔާ ދޭނެ ކަމަށާއި ބަރުދަން ޔަގީންކުރަން އަމިއްލައަށް ކައްޓާއެއް ހިފައިގެން ވެސް އާދެވޭނެ ކަމަށް އެ ކުލިނިކުގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ފަޒީސް ހިޖާމާގެ އެ ޕޯސްޓާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ފަޒީސް ހިޖާމާއިން ހިޖާމާ ޖެހުމުގެ ހުއްދަ ނުހޯދައި، ހިދުމަތްދެމުން ގެންދިއުމުން މީގެ ކުރިން ވެސް ހެލްތު މިނިސްޓްރީން މައްސަލަ ބެލިއެވެ. އޭގެ ފަހުން އެ ކުލިނިކުން ހިދުމަތް ދޭން ފެށީ މިނިސްޓްރީން ހުއްދަ ނަގައިގެންނެވެ.