މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ ބޮންޑެޑް ވެއާހައުސްތަކަކަށް ދައްކަންޖެހޭ ކުލިތަކަށް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަދަލު ގެނައުމަށް ނިންމައިފިއެވެ.
އެމްޕީއެލުން މިއަދު ބުނީ އެ ކުންފުނިން ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ހިދުމަތް ފޯރުކޮށްދެނީ ކަސްޓަމަރުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން 24 ގަޑިއިރުގެ ސެކިއުރިޓީއާއެކުގައި ކަމަށެވެ. އެ ސަރަހައްދުގައި މޯލްޑިވްސް ކަސްޓަމްސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަސްޓަމްސްގެ ފެސިލިޓީއެއް ގާއިމުކޮށްފައިވާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
ބޮންޑެޑް ވެއާހައުސް ސަރަހައްދުން މުދާ ލޯޑު ކުރުމާއި އަންލޯޑް ކުރުމަށް، ވަކި ކީ ވޯލެއް ކަނޑައަޅައިފައިވާނެ ކަމަށާއި އެ ސަރަހައްދުގެ މެއިންޓަނަންސްގެ މަސައްކަތްވެސް އެމްޕީއެލުން ގަވައިދުން ކުރަމުންދާ އިރު، ދެެމެހެއްޓެނިވި ގޮތެއްގައި، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ކުރުމަށް އެ ކުންފުނިން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް އެމްޕީއެލުން ބުންޏެވެ.
މިހާރު ކަސްޓަމަރުން އަމިއްލައަށް ކުނި އުކާލަން ޖެހުނު ނަމަވެސް، އަންނަ މަހުގެ 15 އިން ފެށިގެން ވޭސްޓް ޑިސްޕޯސަލްގެ ހިދުމަތްވެސް ބޮންޑް ވެއާހައުސްގެ ކަސްޓަމަރުންނަށް އެމްޕީއެލުން ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ބުނީ ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ކުލިތަކަށް ގެނައި ބަދަލުތަކާ ގުޅިގެން، އާންމު މުދަލުގެ އަގުތަކަށް ބާޒާރުގައި އަސަރުކުރާނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރާ ކަމަށާއި ހުޅުމާލެ ބޮންޑެޑް ވެއާހައުސް އޭރިއާ 1، 2 އަދި 3ގައި ބޮންޑް ކުރަނީ ޓޫރިސްޓް ރިސޯޓްތަކަށް ގެންނަ ބަނގުރަލާއި އޫރު މަހުގެ ބާވަތްތަކަށް ކަމަށެވެ.
އެ ވެއާހައުސްތަކުން ކޮންޓެއިނަރުތަކަށް ޑޮލަރުން ކުލި ނެގުމަށް ހަމަޖެހިފައިވާ އިރު، ސްޓޭކިން އޮޕްޝަންތަކާއެކު 20 ފޫޓުގެ ކޮންޓެއިނަރެއްގެ މަހު ކުއްޔަށް ޖީއެސްޓީއާއެކު ދައްކަންޖެހޭނީ 1,134 ޑޮލަރެވެ. އަދި ސްޓޭކިން އޮޕްޝަންތަކާއެކު 40 ފޫޓުގެ ކޮންޓެއިނަރެއްގެ މަހު ކުއްޔަށް ޖީއެސްޓީއާއެކު ދައްކަން ޖެހޭނީ 2,268 ޑޮލަރެވެ.
އެމްޕީއެލްގެ ހުޅުމާލޭ ވެއާހައުސްތަކަކަށް ދައްކަންޖެހޭ ކުލިތަކަށް ބަދަލުތަކެއް

ގުޅުންހުރި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި
އެމްޕީއެލްގެ ބޯޑު މެންބަރުކަމަށް މުހައްމަދު ވަހީދު އައްޔަންކޮށްފި
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
އެމްޕީއެލް ފްލެޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި އުޅުނު ދެ މުވައްޒަފުގެ
އެމްޕީއެލްގެ އޮކްޝަން ޕޯޓަލުން ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބަައިވެރިވެވޭ ގޮތް ހަދައިފި
އެމްޕީއެލްގެ އާ މެނޭޖިން ޑިރެކްޓަރަކަށް ކުރީގެ ޑީސީޕީ ރިޝްވާން