މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަދި ސަރުކާރު ހިންގާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އުޅުނު މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ހުއްޓުވުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ޕީއެންސީ އާއި ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ޝަހީދު، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ފެށުނުތާ ކުރީކޮޅެވެ. ނަމަވެސް އެ މަގާމުން މިމަހު ކުރީކޮޅު އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 17 ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންގެ ތެރޭގައި ދަށު ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުންވެސް ހިމެނިވަޑައިގަންނަވަ އެވެ.
ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެ ދެ މަގާމަށް އައްޔަން ކުރުމަށެވެ.
އޭގެ ތެރެއިން ޝަހީދަކީ ފަނޑިޔާރުގެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅެއްނޫން ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް މި ފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގެންނެވި ވަކީލެކެވެ.
ސިވިލް ކޯޓުން އެ މައްސަލަ ބަލައިގެންފައިވާއިރު ޖޭއެސްސީ އިން އިއްޔެ މީޑިއާތަކަށް ފޮނުވާފައިވާ ދައުވަތުގައި ބުނެފައިވާ ގޮތުން ޝަހީދު އަދި އަބްދުﷲ ޖަމީލް މޫސާ ފަނޑިޔާރުކަމުގެ ހުވާކުރުން އޮންނާނީ މިރޭ 8:30 ގައެވެ.
ސިޔާސީ ހަރަކާތްތަކުގައި އުޅެފައިވާ އަދި ސިޔާސީ މަގާމެއް އަދާކުރެއްވި ބޭފުޅަކު، ފަނޑިޔާރު ކަމަށް އައްޔަން ކުރާތީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.




ގުޅުންހުރި
ދިވެހިންގެ އެހީގައި ގާޒާގައި އިތުރު ވަގުތީ މިސްކިތެއް
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ