ޕެންޝަން ފަންޑުން ފުލެޓުތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކަށް ޕެންޝަން ފަންޑުން ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމަށް  ޕެންޝަން އޮފީހާއެކު މަޝްވަރާކުރައްވާނެ ކަމަށް, ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ހަމްދާން އެގޮތަށް ވިދާޅުވީ އެސްއެސްޓީވީއަށް ރޭ ދެއްވި އިންޓަވިއެއްގަ އެވެ. ހަމްދާން ވިދާޅުވީ ފުލެޓުތަކުގެ އެޑްވާންސް ފައިސާ ދައްކަން ވަކި މުއްދަތެއް ދީފައެއް ނުވާނެ ކަމަށާއި ފުލެޓުތައް ހަވާލުކުރާނީ ފައިސާ ދައްކާ ހަލާސްކުރުމުން ކަމަށެެވެ.

އޭނާ ވިދާޅުވީ މިއަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެޑްވާންސް ފައިސާ އެފްޑީސީއަށް ދައްކާ ނިންމާ މީހުންނަށް ފެލްޓުތަކުގައި ދިރިއުޅެން ފެށޭނެ ކަމަށެވެ. ހަމްދާން ވިދާޅުވި އެވެ.

”އެކަމަކު، އެހާ ހިސާބަށް ނުދެއްކޭ ފަރާތްތައް ޕެންޝަން ސްކީމް މެދުވެރިކޮށް ވެސް ހަމަ ދައްކަންވީ. އެ އޮޕްޝަން ވެސް ކުރިއަށް ނުގެންދެވޭ ބޭފުޅުންނަށް އަޅުގަނޑުމެން މި ހުޅުވާލަނީ އެބޭފުޅަކަށް ދެއްކުނު ގޮތަކުން، ދެއްކުނު އިރަކުން ހަމަ ދައްކަންވީ. ޔުނިޓު ހަމަ އިންގޮތުގައި އިންނާނެޔޭ. ޔުނިޓު އިތުރު ބަޔަކަށް އެސައިންއެއް ނުކުރާނަން“ ހަމްދާން ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޅި ތިން ކޮޓަރީގެ ފްލެޓެއް މަހަކު 8,000 ރުފިޔާ ކުއްޔައް ދައްކަންޖެހެ އެވެ. އަދި، ދެ ކޮޓަރީގެ ފްލެޓެއް 6,000 ރުފިޔާގެ މަހު ކުއްޔައް ދައްކަންޖެހެ އެވެ.

މި ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށެވެ.