އޯގަސްޓް 5, 2025

ޓެކްސްތަކާ ބެހޭ ކުށްތައް ޖަލު އަދަބަށް ބޮޑުކޮށް، އިތުރު ބާރުތަކެއް މީރާއަށް ދެނީ

ޓެކުހާބެހޭ ކުށްތަަކަަށް ދޭ އަދަބުތައް ބޮޑުކޮށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އިތުރު ބާރުތަކެއްދޭން، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށައަޅައިފި އެވެ.

މީ ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ރައްޔިތުން މަޖިލީހަށް ހުށަހެޅި ބިލެކެވެ.

ބިލުގައިވާ ގޮތުން އެފަދަ އިސްލާހެއް ގެނައުމުގެ ބޭނުމަކީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށައަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިހުތިޔާރު މީރާއަށް ދިނުމާއި، އެކަމާ ބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމެވެ.

އަދި ގާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓްތަކާއި ތަހުގީގުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތްތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖައާކޮށް، ޓެކުހާގުޅޭ ކުށާއި ކުށުގެ އަދަބުތައް އިސްލާހުކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ޓެކުހުގެ ނިޒާމު ހިންގައި ތަންފީޒުކުރުން ހަރުދަނާކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލުގައިވާ ގޮތުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބޭ ފައިސާއެއް އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ އިހްތިޔާރު ބަނޑާރަނައިބުގެ ބަދަލުގައި ދީފައިވަނީ މީރާއަށެވެ.

ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް މި ބިލުން ވަނީ މީރާއަށް ފީފަ އެވެ.

އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިންބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް، ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާއަށް ދޭން ވެސް ވަނީ ހުށަހަޅައިފަ އެވެ.

މީރާގައި އޮންނަ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެތަނުން ފޮނުވާ ނޯޓިހެއް ނުވަތަ ލިޔުމެއް އެ ލިއުން ފޮނުވާ ތާރީހުން ފެށިގެން، އެ ފަރާތަށް ލިއުން ރައްދުވީ ކަމަށް ބެލެވޭނެ ކަމަށް ކަނޑައަޅަންވެސް ބިލްގައި ހިމަނާފައިވެ އެވެ. 

މި ބިލުގައި ޓެކުހާ ގުޅޭ އާ ކުށްތަކެއް ގާނޫނުގައި ހިމަނަން ވަނީ ހުށަހަޅައިފަ އެވެ.

އެ ގޮތުން ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ހިމަނަން ހުއްދަ ދިނުމާއި އޭގައި ހިމަނަންޖެހޭ މައުލޫމާތެއް ނުހިމަނަން ހުއްދަ ދިނުމާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ރަނގަޅަށް ނުބެލެހެއްޓުން ހުއްދަކުރުމަކީ ކުށެއްކަމަށްވަނީ ހިމަނައިފަ އެވެ. ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ އެއްވެސް މިންވަރެއް ނުދެއްކުމަށް ހުއްދަކުރުމަކީ ވެސް ކުށެއްކަމަށް ވަނީ ހިމަނައިފަ އެވެ.

ބިލްގައި މި ކުށްތައް ހިމަނާފައިވަނީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ގޮތުގަ އެވެ.

ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކަށް ގާނޫނުގައި ިހާރު ކަނޑައަޅާފައި އޮންނަ ތުން މަސް ދުވަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމުގެކުށް، މި ބިލުގައިވަނީ ތިންމަސްދުވަހާއި ދެ އަހަރުގެ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅައިފައެވެ.

ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށުގެ ބަޔަށް މި ބިލުން ބަދަލު ގެނަސްފައިވާއިރު، ޓެކްސް ބަޔާނާއި، ބަޔާނާއެކީ ހުށައަޅަންޖެހޭނެކަމަށް ގާނޫނުތަކާއި، ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަނޭޅުމާއި ޓެކުހާ ގުޅޭގޮތުން ހުށައަޅަންޖެހޭ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަނޭޅުމަކީ ކުށެއްކަމަށް ވެސް ވަނީ ހިމަނައިފަ އެވެ.

ބިލުގައިވާ ގޮތުން މި ގާނޫނުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން، ނުވަތަ ކޮމިޝަނާ ޖެނެރަލް ކަނޑައަޅާ މީހަކަށް ނުވަތަ ބަޔަކަށް އެއްބާރުލުން ނުދިނުމަކީވެސް ކުށެކެވެ.

މިހާރު ގާނޫގައި އޮންނަނީ، ގާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކާ މެދު ގާނޫނުން ހުއްދަކުރާ ފިޔަވަޅެއް އެޅޭނީ އެ ކުށްކުރި ތާރީހުން ފެށިގެން ގިނަވެގެން ދެ އަހަރު ދުވަސްވުމުންނެވެ.

ނަމަވެސް އެގޮތް ބަދަލުކޮށް، މިހާރު ހުށަހަޅަފައިވާބިލާއި، ޓެކްސް ބަޔާނުގެ އިތުރުން ޓެކްސް ބަޔާނާއެކީ ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށަނޭޅުމާއި ޓެކްސް ގާނޫނެއްގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ މުއްދަތެއްގައި ރަޖިސްޓްރީ ނުކުރުމާއި، ޓެކްސް ދައްކަންޖެހޭ ފަރާތުން، ދައްކަންޖެހޭ ދުވަހަށް ޓެކްސް ނުދެއްކުންފަދަ ކަމެއްކޮށްފިނަމަ، ފިޔަވަޅު އެޅުމަށް ގާނޫނުގައި މިހާރު އޮންނަ ދެ އަހަރު ދުވަހުގެ މުއްދަތުން އިސްތިސްނާވެ އެެވެ.

މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުން ކަނޑައަޅަން ވެސް ވަނީ ބިލުގައި ހިމަނައިފަ އެވެ.